ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ގައުމީ ޓީމުގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުރި ގ. ސައްލިގޭ ޙުސައިން ޖަވާޒް (ޖަވާ) ހަމަޖައްސައިފި އެވެ.

ޖަވާ އަކީ އެފްއޭއެމްގެ ރައީސްގެ މަގާމަސް އިލްހާމް އަޙްމަދު ހަވާލުވެވަޑައިގެންނެވި ފަހުން، އެ އިދާރާގެ ޖީއެސް ކަމަށް ހަމަޖެއްސެވި ތިން ވަނަ ބޭފުޅާ އެވެ. ކުރިން އެ މަގާމު ފުރުއްވި ބޭފުޅުންގެ ތެރޭގައި ހޯމް މިނިސްޓަރުގެ ނައިބު މުޙައްމަދު ހާނިމާއި، ލަފާޖު މޯލްޑިވްސްގެ ކުރީގެ ޖެނެރަލް މެނޭޖަރު ހުސައިން ޝާހިދު އެވެ.

އެފްއޭއެމުން ބުނީ، އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ޖަވާ ހަމަޖެއްސެވީ މިއަދު ކަމަށެވެ.

އެފްއޭއެމުގައި 1999 ވަނަ އަހަރުން ފެށިގެން ހިދުމަތް ކުރައްވަމުން އަންނަ ޖަވާޒް ވަނީ 2009 ވަނަ އަހަރާ ހަމައަށް އެ އިދާރާގެ އެޑްމިނިސްޓްރޭޓިވް ލެވެލްގެ ތަފާތު މަގާމުތައް ފުރުއްވައިފަ އެވެ. އަދި 2009 ވަނަ އަހަރު މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކްރިއޭޓިވް ޓެކްނޯލޮޖީގައި "ބިޒްނަސް އިން ސްޕޯޓްސް މެނޭމަންޓް" އިން ޑިގްރީއެއް ހާސިލްކުރެއްވުމަށް ފަހު، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޖަވާ އަންނަނީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.

ޖަވާ "ސަން"އަށް މިރޭ ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގައި ވޭތުވެ ދިޔަ 14 ވަރަކަށް އަހަރު ދުވަހު ކުރެއްވި ހިދުމަތުގައި ލިބުނު ތަޖްރިބާއާ އެކު ކުރިޔަށް އޮތް ތަނުގައި އެ އިދާރާގެ ހިންގުން ވަރަށް ބޮޑަށް ހަރުދަނާ ކުރަށްވާނެ ކަމަށެވެ.

"އަޅުގަނޑު ބަލާނީ އެންމެ ފުރަތަމަ ކަމަކަށް މިތަނުގެ ހިންގުން ހަރުދަނާ ކުރަން. އަދި ކްލަބްތަކަށް ފައިދާކުރާނެ ގޮތްތަކެއް ހޯދައި، ކުރިއަށް އޮތްތަނުގައި ކްލަބްތަކާ އެކު ވެސް ގުޅުން ރަނގަޅުކުރާނަން،" ޖަވާ ވިދާޅުވި އެވެ.