04 Jun 2014, 21:46
ސަރުކާރު ކޯލިޝަނުން ވަކިވެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނަށް މުލިއާގޭގައި ސަރުކާރުން މަޝްވަރާ ކުރައްވަމުން އެބަ ގެންދަވަ އެވެ.
މިއީ ސަރުކާރު ކޯލިޝަނުން ޖޭޕީ ވަކިވިފަހުން ސަރުކާރުގެ މަޝްވަރާއެއްގައި ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ބައްދަލުވުމެވެ. އެ ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އަދި ބައިވެރިވެވަޑައި ނުގަންނަވަ އެވެ. އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ޖޭޕީގެ ސުލޮޓެއްގައި ވަޒީރުކަމުގައި ހުންނެވި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ގާސިމް އިބްރާހީމް މުލީއާގެއަށް ވަދެވަޑައިގަންނަވަނީ ----ސަން ފޮޓޯ: އަހްމަދު އާޒިފް
އެ ބައްދަލުވުމަށް މުލިއާގެއަށް ވަޑައިގެންނެވި ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު "ސަން"އަށް ވިދާޅުވީ އެ ބޭފުޅުން މުލިއާގެއަށް ވަޑައިގަތުމުގެ ދައުވަތު ލިބުނީ އިގްތިސާދީ ބިލަކާ ބެހޭ ގޮތުން ސަރުކާރުން ޕްރެޒެންޓޭޝަނެއް ހުށަހެޅުމަށް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ނާއިބް ލީޑަރު އަބްދުﷲ ރިޔާޒު މުލީއާގެ އަށް ވަދެވަޑައިގަންނަވަނީ ----ސަން ފޮޓޯ: އަހްމަދު އާޒިފް
ސަންއަށް އެނގިފައިވާ ގޮތުގައި މުލިއާގޭގައި ޖޭޕީގެ މެމްބަރުންނަށް ޕްރެޒެންޓޭޝަނެއް ދެނީ ސުޕެޝަލް އިކޮނަމިކް ޒޯން ކަނޑައެޅުމުގެ ބިލެވެ. އެ ބިލާ ބެހޭ ގޮތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނަށް އިއްޔެ މުލިއާގޭގައި ވަނީ މައުލޫމާތު ދީފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޖޭޕީއަށް ނިސްބަތްވާ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހީމް ހަސަން އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ މުލީއާގެއަށް ވަދެވަޑައިގަންނަވަނީ ----ސަން ފޮޓޯ: އަހްމަދު އާޒިފް