ރައްޔިތުންނަށް އަވަސް އަދި ފަސޭހަ ކަމާއެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވުމަށް އެސްޓީއޯއާއި ހެލްތު މިނިސްޓްރީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، އެ ހުރިހާ ފާމަސީއަކުން ވެސް އާސަންދައިގެ ހިދުމަތް ލިބޭނެކަމަށެވެ.

އާޒިމް ވިދާޅުވީ، ކޮންމެ ރަށެއްގައި ބޭސްފިހާރައެއް ހެދުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސަރުކާރުގެ އުންމީދަކީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ރައްޔިތަކަށް ވުން ކަމަށެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެސްޓީއޯއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ހުރިހާ ރަށެއްގައި ފާމަސީ ގާއިމް ކުރެވެންދެން ހެލްތު މިނިސްޓްރީން މިހާރު ފޯރުކޮށްދޭ ގޮތަށް ބޭސް ފޯރުކޮށްދޭނެ ކަމަށެވެ.