ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ރާއްޖޭގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ހޮސްޕިޓަލްތަކަށް ބޭނުންވާ ސާމާނުތައް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ފޮނުވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރުވެސް ވެއްޖެ ތިން ހޮސްޕިޓަލަކަށް ތަކެތި ހޯދުމަށް އައުލާން ކޮށްފައި. އެގޮތަށް ފަހަރަކު ތިން ހޮސްޕިޓަލެއް ގޮތަށް ގޮސް ތަކެތި ހަމަކުރެވޭނެ،" ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، ހޮސްޕިޓަލްތަކަށް ތަކެތި ހޯދުމަށް ގިނަ ގައުމުތަކުގެ އެހީތައްވެސް ލިބެމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ސިއްހީ ދާއިރާ ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ޑޮކްޓަރުންނަށް އެކުލަވާލި އޮނިގަނޑަށް މިމަހުން ފެސިގެން އަމަލު ކުރަން ފަށާފައިވާއިރު އެކަމުގެ ސަބަބުން އެދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

ސަރުކާރުން 200 އަށް ވުރެ ގިނަ ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރު 17 ޑޮކްޓަރެއް ލިބިފައިވާއިރު 40 ޑޮކްޓަރުންގެ ޑޮކިއުމެންޓް ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ސިއްހީ ދައިރާއާ ހަވާލުވިއިރު އެދާއިރާ އޮތީ ވަރަށް ހާލުގައި ދަރަނިތަކަކާ އެކު ކަމަށާއި އެކަންކަން ހައްލުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.