04 Jun 2014, 18:56
ތިމާވެށީގެ ދުވަހުން ފެށިގެން މަގު މައްޗަށް ކުނި އަޅާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ ގަވާއިދަށް އަމަލު ކުރަން ފަށައި، ޖޫރިމަނާ ކުރަން ފަށާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ މަގުމަށްޗަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރުމުގެ ގަވާއިދުގެ ބައެއް ބައިތަކަށް މިހާރު ވެސް އަމަލު ކުރަން ފަށާފައިވާ ކަމަށާއި މާދަމާ އިން ފެށިގެން މަގު މައްޗަށް ކުނި އަޅާ ފަރާތްތައް ޖޫރިމަނާ ކުރަން ވެސް ފަށާނެ ކަމަށެވެ.
"މާދަމާ އިން ފެށިގެން މަގު މައްޗަށް ކުނި އަޅާ ފަރާތްތަކަށް ސްލިޕް ދޭން ފަށާނެ. ކައުންސިލްތަކުން މިކަން ކުރުމަށް ތައްޔާރުވެފައި އޮންނަ ނަމަ އެ ރަށެއްގައި ވެސް ޖޫރިމަނާ ކުރެވޭނެ. ފުލުހުން ކުނި އަޅާ ފަރާތްތަކަށް ސްލިޕް ދޫކުރާނީ،" ނައީމް ވިދާޅުވި އެވެ.
ނައީމް ވިދާޅުވީ މާލޭގެ އެކި ހިސާބުތަކުގައި މިހާރު ވެސް ޑަސްބިންތަކެއް ބަހައްޓާފައިވާ ކަމަށާއި ޖޫރިމަނާ ކުރަން ފަށާއިރު، މި ޑަސްބިންތައް މަދު ނުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އެ ޑަސްބިންތަކަކީ ގެތަކުން ނެރޭ ކުނި އަޅަން ބަހައްޓާފައި ހުރި ޑަސްބިންތަކެއް ނޫން. އެކަމަކު ޑަސްބިންތަކުގެ އަނގަ ބޮޑު ވީމަ ބައެއް ފަރާތްތަކުން އެ ޑަސްބިންތަކަށް ވެސް ގެތަކުން ނެރޭ ކުނި އަޅާ. އެއީ މަގުމަތިން ދަމުން ދަޅެއް ނުވަތަ ސިނގިރޭޓު ބުރިއެއް ނުވަތަ ސުޕާރި ޕެކެޓު ކަހަލަ އެއްޗެހި އަޅަން ބަހައްޓާފަ ހުރި އެއްޗެއް އަސްލު،" އޭނާ ވިދާޅުވި އެވެ.