04 Jun 2014, 19:13
އަނިޔާގައި ހުރި މިޑްފީލްޑަރު ސެގުންޑޯ ކާސްޓިލޯ އާއެކު ވޯލްޑް ކަޕުގައި ވާދަކުރާ އިކުއެޑޯގެ 23 ކުޅުންތެރިންގެ ސްކޮޑު އިއުލާންކޮށްފި އެވެ.
އަލް ހަލީލްއަށް ކުޅެމުންދާ އުމުރުން 32 އަހަރުގެ ތަޖުރިބާކާރު މިޑްފީލްޑަރަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު މެކްސިކޯއާ ދެކޮޅަށް ކުޅެ 3-1 ލަނޑުން އިކުއެޑޯ ބަލިވި މެޗުގައެވެ.
ކާސްޓިލޯގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ގާތްގަނޑަކަށް 15 ދުވަހުގެ މުއްދަތަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭއިރު، ގްރޫޕް އީގައި ސްވިޒަލޭންޑާއި ދެކޮޅަށް އިކުއެޑޯ ކުޅޭ މެޗުގައި އޭނާއަށް ބައިވެރި ވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. ގްރޫޕް ސްޓޭޖުގައި އިކުއެޑޯ ކުޅޭ ދެވަނަ މެޗު ވެސް ކާސްޓިލޯއަށް ގެއްލިދާނެ ކަމުގެ ބިރު އޮތްއިރު، މި މަހު 25 ވަނަ ދުވަހު ފްރާންސާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ބައިވެރި ވެވިދާނެ އެވެ.
އިކުއެޑޯ ސްކޮޑުގައި ސްޓުޓްގާޓް އަށް ކުޅެމުންދާ އުމުރުން 19 އަހަރުގެ މިޑްފީލްޑަރު ކާލޮސް ގްރުއެޒޯ ހިމަނާފައި ވާ އިރު، އެ ސްކޮޑުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ މެންޗެސްޓާ ޔުނައިޓެޑްގެ ވިންގާ އެންޓޯނިއޯ ވެލެންސިއާ އެވެ.
އިކުއެޑޯގެ 23 ކުޅުންތެރިންގެ ސްކޮޑު:
ގޯލްކީޕަރުން: މެކްސިމޯ ބަންގުއެރާ، އެޑްރިއާން ބޯނެ، އެލެކްސެންޑާ ޑޮމިނިގޭޒް
ޑިފެންޑަރުން: ގެބްރިއެލް އަކިލިއާ، ވޯލްޓާ އަޔޯވި، އޮސްކާ ބަގޫއި، ފްރިކްސަން އެރާޒޯ، ޖޯޖް ގުއާގުއާ، ހުއާން ކާލޯސް ޕަރެޑޭސް
މިޑްފީލްޑަރުން: މައިކަލް އަރޯޔޮ، ސެގުންޑޯ ކާސްޓިލޯ، ކާލޮސް ގްރުއެޒޯ، ރެނާޓީ އިބާރާ، ފެޑެލް މާޓިނޭޒް، އެޑިސަން މެންޑޭޒް، ކްރިސްޓިއަން ނޮބޮއާ، ލުއިސް ފެނާންޑޯ ސަރިޓަމާ، އެންޓޯނިއޯ ވެލެންސިއާ
ފޯވަޑުން: ޖޭމް އަޔޯވި، ފެލިޕޭ ކައިސެޑޯ، ޖެފާސަން މޮންޓޭރޯ، ޖޮއައޯ ރޮޖަސް، އެނާ ވެލެންސިއާ.