04 Jun 2014, 18:59
ރާއްޖޭގައި ނިމިގެން ދިޔަ އޭއެފްސީ ޗެލެންޖް ކަޕް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައި ވާތީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) އަށާއި މުބާރާތް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފި އެވެ.
އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ އެލެކްސް ސޫސޭ، އެފްއޭއެމަށް ޝުކުރު ދަންނަވައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ރައްޖޭގައި ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކަމާ އެކު ނިމިގެން ދިއުމުން، އެ މުބާރާތް ބޭއްވުމަށްޓަކައި އެފްއޭއެމުން ކޮށްފައިވާ ބުރަ މަސައްކަތް ހާމަވެގެން ގޮސްފައި ވާ ކަމަށެވެ.
އޭގެ އިތުރުން މުބާރާތް އިންތިޒާމް ކުރި ކޮމިޓީން އޭއެފްސީގެ ޑެލިގޭޓުންނާއި މުބާރާތުގައި ބައިވެރިވި ޓީމް ތަކަށް ދީފައިވާ މެހެމާންދާރީ ފާހަގަކޮށް އެކަމަށް ތައުރީފް ކޮށްފައި ވެއެވެ.
ސޫސޭގެ ސިޓީގައި ވިދާޅުވަފައި ވަނީ، އޭއެފްސީ ޗެލެންޖް ކަޕުގެ ސަބަބުން ރާއްޖޭގައި އެހެން މުބާރާތްތައް ބޭއްވުމަށާއި ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ތަރައްގީ ކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް އޭއެފްސީން އުންމީދު ކުރާ ކަމަށެވެ.
އޭއެފްސީ ޗެލެންޖް ކަޕް ކާބިޔާބު ކަމާ އެކު ނިމިފައި ވާތީ އެފްއޭއެމްގެ ރައީސް މީގެ ކުރިން ވަނީ މި މުބާރާތް ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދިއުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.