03 Jan 2011, 08:10
އއ. އުކުޅަހުގައި ސިއްޚީ މަރުކަޒުން އެމްބިއުލެންސް ފޮނުވުން ލަސްވެ، މާބަނޑު މީހަކު ގޭގެ ތަޅުން މައްޗަށް ރޭ ވިހައިފި އެވެ.
ސަން އޮންލައިން އަށް މައުލޫމާތު ދެމުން އެ އަންހެމީހާގެ ބޭބެ ބުނީ، ރޭ ފަތިހު ހަތަރެއް ޖަހާ ބޮޑުވިފަހުން "ކޮޓަރީގެ ތަޅުން މައްޗަށް" އޭނާގެ ކޮއްކޮ ވިހަން ޖެހުނީ ސިއްޚީ މަރުކަޒުގެ އެހީތެރިކަން ނުލިބުމުގެ ސަބަބުން ކަމަށެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ބުނީ، ބަނޑުގައި ރިއްސާތީ އަންހެންމީހާ ރޭ ދަންވަރު ދޭއް ޖަހާ އެހާކަންހާއިރު ހޭލުމުން ސިއްޚީ މަރުކަޒަށް ގެންދިއުމަށްޓަކައި އެމްބިއުލެންސަކަށް ގުޅޭތޯ ވަރަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ދެ ގަޑިއިރު ފާއިތުވެގެން ދިޔައިރު ވެސް ސިއްޚީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ރަޝީދު ފޯނަށް ޖަވާބު ނުދެއްވުމުން އެމްބިއުލެންސަށް ނުގުޅުނު ކަމަށް ވެސް އޭނާ ބުންޏެވެ.
"ދިހަވަރަކަށް ބާރަވަރަކަށް ފަހަރު ގުޅުނު [އަލީ ރަޝީދަށް]. އެއް ފަހަރު ވެސް ފޯނެއް ނުނަގާ. ދެން ފޫޅުމައިމީހާއަށް ގުޅިއިރު އޭނާ ވެސް ފޯނަށް ޖަވާބެއް ނުދޭ. އެކަމަކު މީހަކު ފޮނުވައިގެން އޭނަ ގެއަށް ގެނައީ. އޭނާ ގެނައިމަ، ކޮއްކޮއަށް އިތުރަށް ކެތް ނުކުރެވިގެން ތަޅުން މަތީ އޮށޯތީ. ދެން ތަށިމުށި މައްޗަށް އޭނާ ވިހެއީ،" 39 އަހަރުގެ އެ އަންހެންމީހާ ވިހެއި ހަތަރު ވަނަ އަދި ފިރިހެން ކުއްޖާއާ ބެހޭ ގޮތުން އޭނާގެ ބޭބެ ބުންޏެވެ.
އޭނާ ބުނީ އާއިލާއިން ކުރިއްސުރެ ތައްޔާރުވެގެން ތިބީ ސިއްޚީ މަރުކަޒުގައި ވިހެއުމަށް ކަމަށްވާތީ، ގޭގައި ކުއްޖާ ވިއްސަން އެއްވެސް ވަރަކަށް ތައްޔާރުވެފައި ނެތް ކަމަށެވެ.
"ވިހޭއިރުގައި ކުއްޖާ ނަގާ ބާއްވާނެ ތަންކޮޅެއް ވެސް ނެތް. ގޭގައި ވިހާކަށް ނޫންވިއްޔާ ތައްޔާރުވީ. ރަބަރެއް ނެތީމަ ކުއްޖާ ނަގާފައި އެނދުމަތީގައި ވެސް ނުބޭއްވޭ. ދެން ތަށިމުށި މަތީ އެތައް އިރެއްވީ ފަހުން ރަބަރުކޮޅަކާ އެއްޗެހި ގެނެވުނީ ވެސް،" އޭނާ ބުންޏެވެ.
ނަމަވެސް، ފަހުން އެމްބިއުލެންސް އަށް ގުޅުނު ކަމަށާއި ގެއަށް އައިއިރު އަންހެންމީހާ ވަނީ ވިހައިފަ ކަމަށް އޭނާގެ ބޭބެ ބުންޏެވެ. އަދި ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށް ވާތީ ސިއްޚީ މަރުކަޒަށް ގެންދިއުމުގެ އިތުރު ބޭނުމެއް ނެތުމުން ގޭގައި ބޭސްކުރާ ގޮތަށް ހަމަޖެއްސީ ކަމަށް ވެސް އޭނާ ބުންޏެވެ.
ސިއްޚީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ރަޝީދަށް ގުޅުމުން މިއަދު ވިދާޅުވީ، އެ އަންހެންމީހާގެ އާއިލާއިން ގުޅިއިރު އޭނާ އަށް އޮތީ ނިދާފައި ކަމަށެވެ.
"އަޅުގަނޑު އޮތީ ނިދާފައި. ނިދާފައި އޮތުމުން ފޯނަށް ޖަވާބު ނުދެވުނީ.
"އަޅުގަނޑު ހޭލުމާއެކު ތިން މިނެޓު ވެސް ނުވާނެ. އެމްބިއުލެންސް އެގެއާ ހަމައަށް ފޮނުވާފިން. ނަރުހުންވެސް ޑޮކްޓަރުން ވެސް ނެރެފައި އިންނާނެ ތިން މިނެޓު ތެރޭ."
ރަޝީދު ބުންޏެވެ.