މާބަނޑު ދެ އަންހެނުންނަށް ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނާ މައްސަލަތައް މިހާތަނަށް ބެލިބެލުމުން އެކަން ހޮސްޕިޓަލުން ކޮށްފައިވަނީ "ޕްރޮފެޝަނަލްކޮށް" ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރު ފުއާދު ގާސިމް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެ ދެ ހާދިސާގައިވެސް ފުވައްމުލަކު ހޮސްޕިޓަލުން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް "ފަހުބަހެއް ބުނަން އެނގޭނީ ކަންކަން ބެލުމަށްފަހު" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް ބެލިބެލުމުން ވަރަށް ސާފް ކަންކަން ގޮސްފައިވަނީ ރަނގަޅަށް ކަން، ނަމަވެސް ފަހު ބަހެއް ބުނަން އެނގޭނީ ކަންކަން ބަލާފަ" ފުއާދު ވިދާޅުވި އެވެ.

އެބައްދަލުވުމުގައި ވާހަކަދައްކަމުން އައިޖީއެމްއެޗްގެ ޑޮކްޓަރެއްކަމަށްވާ ޑރ. ހައްވާ ހަނާ ވިދާޅުވީ އަންހެން މީހާގެ ބަނޑުފެޅުމަށް ފަހު ދަރިފުޅު ނުނަގާ ފެހި މައްސަލާގައި ޑޮކްޓަރު އެގޮތަށް ނިންމީ ހާލަތު ހުރިގޮތުން އެހެން ފަރާތެއްގެ އެހީއާއެކު އެ އޮޕަރޭޝަން ކުރެވެން ނެތުމުންކަމަށެވެ.

"އަޅުގަނޑުމެން ބަލާލި ބަލާމުން އެނގިފައިއޮތީ ކުރީގައި ފާހަގަ ނުކުރެވިފައި ހުރިކަމެއް އޮޕަރޭޝަނަށް ފަހު ފާހަގަ ވިކަން، މަސް ހުރީ މާތިރީގަކަން، އެމަސް ހުރިގޮތުން ލޭނާރުތަކަށް ބަދަލުވެފައި ހުރުމުގެ ސަބަބުން މައިމީހާގެ ފުރާނަޔަށް ގެއްލުމެއް ކުރިމަތި ވެދާނެތީ އެޑޮކްޓަރު ނިންމެވީ އެވަގުތު ޑޮކްޓަރު ނުނަގާ އެހީއަށް އެދިގެން އެހެން ޓީމެއް ގެނެވެންދެން ދަރިފުޅުގެ ފުރާނަޔާއި މައިމީހާގެ ފުރާނަ ސަލާމަތް ކުރުން، އެއީ އެންމެ ރަނގަޅުގޮތް،" ޑރ. ހަނާ ވިދާޅުވިއެވެ.

ޑރ. ހަނާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ----ސަން ފޮޓޯ: ޔޫސުފް ސޮފްވާން


އެ ހޮސްޕިޓަލްގައި ހިނގި ދެވަނަ ހާދިސާ ކަމުގައިވާ ކުޑަ ދަރިފުޅު މައިމީހާގެ ބަނޑަށް މަރުވި މައްސަލާގައި ޑރ. ހަނާ ވިދާޅުވީ އެހާދިސާ ހިނގަން މެދުވެރި ސަބަބަކީ ކުރިންސުރެ ޑޮކްޓަރަށް ދައްކަމުން އައި ނަމަވެސް އެކުއްޖާގެ ހެދިބޮޑުވުމަށް އައި ބަދަލެއްގެ ސަބަބުން ކަމަށެވެ. އަދި އެތުއްތު ކުއްޖާގެ ވިންދު ދަށްވީ ކުއްލިއަކަށް ކަމަށާއި އެއީ އެކަށީގެންވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދެ މައްސަލައާއި ގުޅިގެން ފުވައްމުލަކު ކައުންސިލަރުން ވަނީ ހެލްތް މިނިސްޓްރީއަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.