04 Jun 2014, 17:58
ތިމާވެށީގެ ދުވަހުން ފެށިގެން ރާއްޖޭގައި ހުރިހާ ބާވަތެއްގެ މަޑި ހިމާޔަތް ކުރުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ މާދަމާ އިން ފެށިގެން އެއްވެސް ބާވަތެއްގެ މަޑި ހިފައި ހެދުމަކީ މަނާ ކަމެއް ކަމަށެވެ.
"ވަރަށް ގިނަ ބޭފުޅުންނަށް ހީވެފައި އޮންނަނީ މަންޓާ އަކީ ރާއްޖޭގައި ހިމާޔަތް ކޮށްފަ އޮންނަ އެއްޗެއް ކަމަށް. އެކަމަކު މީގެ ކުރިން އެއީ ވެސް ހިމާޔަތް ކޮށްފަ އޮތް އެއްޗެއް ނޫން. އެހެންވީމަ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން އެއްވެސް ބާވަތެއްގެ މަޑިއެއް ހިފައި ނުވަތަ އެތަކެއްޗަށް ގޯނާކޮށް ނުހެދުމަށް،" ނައީމް ވިދާޅުވި އެވެ.
ނައީމް ވިދާޅުވީ ރާއްޖޭގައި 18 ބާވަތެއްގެ މަޑި އުޅޭ ކަމަށް ރެކޯޑް ކޮށްފައިވާ ކަމަށާއި ނަމަވެސް ރާއްޖޭގައި ދިރިއުޅޭ މަޑީގެ ބާވަތްތައް އެއަަށް ވުރެ ވެސް ގިނަވުން އެކަށީގެންވާ ކަމަށެވެ.