މިއަހަރުގެ ތިމާވެށީގެ ދުވަސް މާދަމާ ގަސް އިންދުމުގެ ޕްރޮގްރާމަކުން އިފްތިތާހު ކުރުމަށްފަހު ތިން ދުވަހަށް ދެމިގެންދާ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަރަމަންޓު މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ ތިމާވެށީގެ ދުވަހުގެ ހަރަކާތްތަކަށް އާންމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ޚާއްސަކޮށް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަތުގުޅާލުމުގެ ހަރަކާތަށް ބޮޑު އެއްބާރުލުމެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ހުކުރު ދުވަހު ހަވީރު އޮންނާނެ ޖުމްހޫރީ މައިދާނުގައި އަތު ގުޅާލުމެއް. އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް ވީހާ ވެސް ގިނަ ރައްޔިތުން ޖުމްހޫރީ މައިދާނަށް ވަޑައިގެން މި ހަރަކާތުގައި ބައިވެރިވުމަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

ތިމާވެށީގެ ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހެވެ. ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވަނީ ގަސް އިންދުމުގެ ޕްރޮގްރާމަކާއި ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްސަކޮށް ބާއްވާ ޕްރޮގްރާމަކާއި ފޮޓޯގްރަފީ އެގްޒެބިޝަނަކާއި ތިމާވެއްޓާ ގުޅޭ ޑޮކިއުމެންޓްރީ ދެއްކުމެވެ.

ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުމްހޫރީ މައިދާނުގައި ބާއްވާ އަތު ގުޅާލުމާއި ސަލްޓަން ޕާކުގައި ބާއްވާ ފަންނުވެރިންގެ ގެދަރިންއަކާއި މިއުޒިކް ޝޯއެކެވެ. އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލެ ސާފު ކުރުމުގެ ޕްރޮގްރާމެކެވެ. މީގެ އިތުރުން ހުކުރު ދުވަހު ހަވީރު ހަތަރަކުން ފެށިގެން ރޭގަނޑު އަށެއް ޖަހަންދެން ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖައްސައި ދުއްވާ އެއްޗެހި ދުއްވުން ވަނީ މަނާ ކޮށްފަ އެވެ.

މާލެ ސާފު ކުރުމުގެ ޕްރޮގްރާމް އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ޓްރެކް ސަރަހައްދާއި މަސް މާރުކޭޓު ކުރިމައްޗަށް އޮންނަ ފަޅު ސާފު ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. މި ހަރަކާތްތައް ކުރިއަށް ގެންދާއިރު އެ ސަރަހައްދުތައް ހުސް ކުރުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އިއުލާނެއް ކޮށްފަ އެވެ.