މައްކާ (ޖޫން 4) : މާތްވެގެންވާ މައްކާގެ ހަރަމްފުޅުގައިވާ ބައްތިތައް (ލާންޓެންސް) ތަޅައި ކުދިކުދި ކުރަމުން ގެންދިޔަ މީހަކު މައްކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މައްކާ ފުލުހުންގެ ތަރްޖަމާނެއް ކަމަށްވާ ޢާތީ ބިން ޢަތިއްޔާ އަލްގުރަޝީ ވިދާޅުވި ގޮތުގައި މިހާދިސާ ހިނގީ އެފްރިކާގެ ގައުމަކަށް ނިސްބަތްވާ މީހަކު މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނުގެ 10:00ގައި ގެފުޅުގެ ކައިރީގައި ހުރުމަށް ފަހު ޙިޖްރު އިސްމާޢީލްގެ ފާރުމައްޗަށް ކުއްލިއަކަށް އަރައި އެތާނގައިވާ ބައްތިތައް ތަޅަން ފެށުމުންނެވެ. އޭނާ އެ ޢަމަލުހިންގަން ފެށުމުން ސަލާމަތީ ބާރުތަކުން އޭނާ ހިފެހެއްޓުމަށް ފަހު ފުލުހުންގެ ކަމާ ބެހޭ އިދާރާއާ ހަވާލުކުރީ އެވެ. މިހާދިސާ ތަހްގީގް ކުރުމުން މިމީހާއަކީ ސިކުނޑީގައި މައްސަލަތަކެއް އުޅޭ މީހެއްކަން މިހާރު ކަށަވަރުވެފައިވާ ކަމަށްއަލްގުރަޝީ ވިދާޅުވި އެވެ.
މިމީހާ ޙިޖްރު އިސްމާޢީލްގެ ފާރުމައްޗަށް އަރައި އެތާނގައިވާ ބައްތިތަކުގެ ތެރޭން ބައްތިއެއްގެ ބިއްލޫރިގަނޑު ތެޅި މަންޒަރު ދައްކައިދޭ ވީޑިޔޯ ކްލިޕެއް ސޯޝަލް މީޑިޔާގައި ވެސް މިހާރު ދަނީ ދައުރުވަމުންނެވެ. މި ވީޑިޔޯއިން ފެންނަގޮތުން މި މީހާ ހުރީ ގަމީހެއް ނުލައެވެ. ފެންނަނީ ފަޓްލޫނެއް ލާފައިވާ ތަނެވެ. އެ ކްލިޕްގައި އެމީހާ ފެންނަނީ ހިޖްރު އިސްމާއީލްގައިވާ ދެ ބައްތި ކައިރީގައި ކުޑަ ގޮނޑިއެއް ހިފައިގެން ރުޅިއައިސްގެން މީހަކު ހަރަކާތްތެރިވާ ގޮތަށް ހަރަކާތްތެރިވަމުންދާ މަންޒަރެވެ. އަދި މިދެ ބައްތީގެ ތެރެއިން އެއް ބައްތީގެ ބިއްލޫރިގަނޑު ތަޅާލާ މަންޒަރު ވެސް މިކްލިޕުން ފެނެ އެވެ. (އަލްއަރަބިއްޔާ)