04 Jun 2014, 16:23
އެމްޑީޕީ އިތުރަށް ހަރުދަނާކޮށް ހިންގުމަށްޓަކައި ޒުވާން އާ ލީޑާޝިޕަކަށް ޖާގަ ދޭން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ ޕާޓީގެ އާންމު މެންބަރުން ވެސް މިހާރު ބޭނުން ވަނީ ޒުވާން އާ ލީޑާޝިޕެއް ކަމަށެވެ. އެހެން ކަމުން މިހާރު ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ފަހަތަށް ޖެހިވަޑައިގެން ޒުވާން އާ ލީޑާޝިޕަކަށް މަގުދެއްކުން މާ ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ޕާޓީގެ ލީޑާޝިޕުން ޒުވާން އާ ބޭފުޅުންނަށް ޖާގަ ދޭން އެބަޖެހޭ. ޒުވާން އާ ލީޑާޝިޕެއް އެބަ އަންނަން ޖެހޭ. މިހާރު ޕާޓީގެ ލީޑާޝޕްގައި ތިއްބެވި ތަޖުރިބާކާރު ބޭފުޅުން ފަހަތަށް ޖެހިވަޑައިގެން ޒުވާން އާ ލީޑާޝިޕަކަށް މަގުދެއްކެވުން މާރަނގަޅުވާނެ،" ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސަ ވިދާޅުވި އެވެ.
މޫސާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކުރަން ފަސޭހަ ވާނީ ޒުވާން އާ ލީޑާޝިޕަކަށް ޖާގަދީގެން ކަމަށެވެ. އެގޮތުން މިހާރު ޕާޓީގެ ހިންގުމަށާއި ޕާޓީގެ އެނިހެން ކަންތައްތަކަށް ބަދަލު ގެންނަން ޕާޓީގެ އާންމު މެންބަރުން ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޚާއްސަކޮށް އެމްޑީޕީގެ ލީޑާޝިޕަކީ ޒުވާން އާ ލީޑާޝިޕަކަށް ވާން ޕާޓީގެ މެންބަރުން ބޭނުންވާކަން ޗެއާޕާސަން ކަމުގައި އަޅުގަނޑު ހޭދަކުރި ދުވަސްތަކުން ވަނީ ސާފުވެފައި،" މޫސަ ވިދާޅުވި އެވެ.
ޒުވާން އާ ލީޑާޝިޕުން ނިންމާ ކޮންމެ ކަމެއް ވެސް އަދި ކުރާ ކޮންމެ ކަމެއް ވެސް ކުރަން ޖެހޭނީ ދެފުށްފެންނަ ގޮތަކަށް ކަމަށާއި ޚާއްސަ ގޮތެއްގައި ޕާޓީ ހިންގުމުގަ އާއި އަދި ޚަރަދު ކުރުމުގައި މެންބަރުންނަށް އެނގޭނެ ގޮތަށް މާލީ ކަންކަން ބައްޓަން ވެގެން ދިއުމަކީ ވަރަށް ބަޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
އަލަށް އިންތިޚާބު ކުރާ އެމްޑީޕީގެ ލީޑާޝިޕުގެ އެއްވެސް މަގާމަކަށް ކުރިމަތި ލައްވާނަންތޯ ދެންނެވުމުން މޫސަ ވިދާޅުވީ އަލަށް އިންތިހާބު ކުރާ އެމްޑީޕީގެ ލީޑާޝިޕްގެ އެއްވެސް މަގާމަކަށް ކުރިމަތި ނުލައްވާނެ ކަމަށެވެ.
މޫސަ ވިދާޅުވީ އޭނައަކީ މިހާރު މަޖިލީހުގެ ނާއިބު ރައީސް ކަމަށްވެފައި އަދި ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށްވާތީ ޕާޓީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެވޭނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.