ރައްޔިތުން މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް ޕާޓީތަކުގެ މެމްބަރުން ބެހުމުގައި ސަރުކާރުން ހިންގާ ކޯލިޝަނާއި ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދި، އަރާރުން ވެއްޖެ އެވެ.

ޕާޓީތަކުގެ މެންބަރުން ކޮމެޓީތަކުގައި ހިމަނާނެ އަދަދު އިއްޔެ ވަނީ ނިންމާފަ އެވެ. ދާއިމީ ކޮމެޓީން އިއްޔެ ފާސްކޮށްފަވާ ގޮތުން އަށް ކޮމެޓީއަކުން ޕީޕީއެމް އާއި އެމްޑީއޭގެ ކޯލިޝަނަށް މެޖޯރިޓީ ލިބެ އެވެ. އަދި ދާއިމީ ކޮމެޓީތަކުގެ ތެރެއިން ތިން ކޮމެޓީއެއްގެ މެޖޯރިޓީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތުގެ މެންބަރުންގެ މައްޗަށް މެޖޯރިޓީ ލިބެ އެވެ. ނަމަވެސް ސަރުކާރުން ބޭނުންވާ އަށް ކޮމެޓީ ސަރުކާރަށް ދިނުމަށް އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ބޭނުން ނުވެ އެވެ. އެ ފަރާތްކުން ވެސް ސަރުކާރުން މެޖޯރިޓީ ބޭނުންވާ ބައެއް ކޮމެޓީތަކުގެ މެޖޯރިޓީ ބޭނުންވެ އެވެ.

މައްސަލަ ޖެހިފައިވަ ވަނީ ހަ ކޮމެޓީއަކަށް ޕާޓީތަކުގެ މެމްބަރުން ބެހުމުގަ އެވެ. އެއީ މާލިއްޔަތު ކޮމެޓީ، އިގުތިސާދީ ކޮމެޓީ، ގައުމީ ސަލާމަތު ކޮމެޓީ، މިނިވަން މުވައްސަސާތަކުގެ ކޮމެޓީ، ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީ، ގައުމީ ތަރައްގީ ކޮމެޓީ އެވެ. އެ ކޮމެޓީތަކުގައި ތިބެން ޖެހޭ 11 މެމްބަރުންނަށް ވުރެ އަދަދު މިހާރު ވަނީ އިތުރުވެފަ އެވެ. މައްސަލަ ހައްލުވާން އޮތީ 11 މެމްބަރުން ހަމަ ނުވާ ކޮމެޓީތަކަށް ދިއުމުންނެވެ. ނަމަވެސް އެކަމުގައި އެއްވެސް ބަޔަކު ދޫދޭކަށް އަދި ބޭނުމެއް ނޫނެވެ.

ދާއިމީ 12 ކޮމެޓީގެ ތެރެއިން އެމްޑީޕީން ބޭނުންވާ ކޮންމެވެސް ހަ ކޮމެޓީއެއްގައި ހަތަރު މެމްބަރުން ހިމެނެ އެވެ. އެ ޕާޓީން ބޭނުންވަނީ ސަރުކާރުން ވެސް މެޖޯރިޓީ ބޭނުންވާ ހަ ކޮމެޓީގައި ހަތަރު މެމްބަރުން ހިމަނާށެވެ. ހަމަ އެހެންމެ ޖޭޕީން ބޭނުންވާ 11 ކޮމެޓީއެއްގައި ދެ މެމްބަރުން އަދި އެއް ކޮމެޓީއެއްގަ އެއް މެމްބަރަކު ހިމެނެ އެވެ. އެ ޕާޓީން ދެ ގޮނޑި ނަގަން ބޭނުންވާ 11 ކޮމެޓީގެ ތެރޭގައި ސަރުކާރުން މެޖޯރިޓީ ބޭނުންވާ ހަ ކޮމެޓީ ހިމެނެ އެވެ. އޭގެ އިތުރުން ޕީޕީއެމް އާއެކު ކޯލިޝަނަށް ހަދާފައިވާ އެމްޑީއޭ އަށް ލިބުން އަށް ގޮނޑިވެސް ތަމްސީލް ކުރަން އެ ޕާޓީން ބޭނުންވަނީ ސަރުކާރު ހިންގާ ޕީޕީއެމް އިން ބޭނުންވާ ކޮމެޓީތަކުގަ އެވެ. ހަމަ އެހެންމެ އަދާލަތު ޕާޓީން ނެގި ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއަކީ ސަރުކާރުން ވެސް މެޖޯރިޓީ ބޭނުންވާ ކޮމެޓީއެއްގެ ގޮނޑިއެކެވެ. އެހެން ކަމުން ކޮމެޓީއެއްގައި ހިމެނެން ޖެހޭ 11 މެމްބަރުނަށް ވުރެ އަދަދު އެ ކޮމެޓީތަކުގައި އިތުރުވެ އެވެ.

މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުން ނިންމާލީ އެއްވެސް ބަޔަކު ދޫދޭން ބޭނުންނުވެ ތިބެ، މިއަދު ހަވީރު އަލުން ކޮމެޓީ ބައްދަލުވިމެއް ބާއްވަން ނިންމައިގެންނެވެ.

ބައެއް ކޮމެޓީތަކުގައި 11 މެމްބަރުން ހަމަ ނުވާ ކޮމެޓީތައް ވެސް އެބަހުއްޓެވެ. ނަމަވެސް އެއްވެސް ބަޔަކު އެ ކޮމެޓީތަކަށް ދާން ބޭނުމެއް ނުވެ އެވެ.

ކޮމެޓީތަކަށް އެމްޑީޕީގެ މެމްބަރުން އައްޔަން ކުރުމަށް އިއްޔެ ފާސްކޮށްފައިވާ ގޮތަށް މިއަދު ވަނީ ބަދަލުގެނެސްފަ އެވެ. މިއަދު ނިންމާފައިވާ ގޮތުން ހަ ކޮމެޓީއެއްގައި ހަތަރު މެންބަރުން އަދި ތިން ކޮމެޓީއެއްގައި ތިން މެމްބަރުން އަދި ދެ ތިން ކޮމެޓީއެއްގައި ދެ މެންބަރުން ހިމެނުމުގެ ފުރުސަތު މިހާރު ލިބެ އެވެ.

ދާއިމީ ކޮމެޓީތައް އެކުލަވާލައިފާ ކޮމެޓީގައި ހިމެނެނީ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމާއި އެމްޑީޕީގެ މެމްބަރު އަލީ އާޒިމެވެ.