04 Jun 2014, 15:42
ސޫރިޔާގެ އަހުލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ގޮސް ތިބި މީހުން އެ މީހުން ތިބި ތަން ހާމަކޮށް ދިވެހި ފުލުހުންނަށް އިންޒާރެއް ދީފި އެވެ.
ސޫރިޔާގައި ހަނގުރާމަކުރާ ދިވެހިން ހިންގާ ބިލާދުލް ޝާމް މީޑިއާގެ ފޭސްބުކް ޕޭޖްގައި މިއަދު ބުނެފައި ވަނީ އެމީހުން ތިބި ތަން ހޯދިއްޖެ ނަމަ އެމީހުން އަނބުރައި ގެންނަނާނެ ކަމަށް ފުލުހުން ބުނެފައި ވާތީ ތިބި ތަން ހާމަކުރީ ކަމަށެވެ.
"...އަހަރެމެން ތިބި ސީދާ ވަކި ތަނެއް ހޯދިއްޖެ ނަމަ އަނބުރައި ގެންނާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބުނެފަ އެވެ. އަހަރެމެން މިތިބީ ސީރިއާގެ އިދީބްގައިވާ ޖަބްހަތުލް ނުސްރާގެ މައްގަރުބޭސް ގަ އެވެ. ދެން އެމީހުންނަށް އަހަރެމެން އަނބުރައި (ރާއްޖެ އަށް) ގެނެވޭތޯ ބަލަމާ ހިނގާށެވެ،" ބިލާދުލް ޝާމްގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވެ އެވެ.
އެ ލިއުމުގައި އަދި ބުނެފައި ވަނީ ފުލުހުން ތަނަކަށް ގެންދަން ބޭނުން ވެއްޖެއްޔާ އެމީހުންނަށް އެކަން ކުރެވިދާނެ ކަމަށެވެ. އެގޮތުން އެމީހުން އެންގަނޑު އެއްލީމާ ފުލުހުންނަށް ޖެހޭނީ ދަތްއަޅަން ކަމަށް ބުނެފައިވެ އެވެ.
"އަހަރެމެން ބޭނުން ތަނަކަށް ކަލޭމެން (ފުލުހުން) ގެންދެވިދާނެ. އަހަރެމެން އެންގަނޑު އެއްލީމާ ކަލޭމެން ދަތް އަޅާނެ. ދަތް އެޅުން ނޫން ގޮތެއް ކަލޭމެންނަކަށް ނޯންނާނެ،" ލިއުމުގައިވެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެތައް ދިވެހިންނެއް ސޫރިޔާ އަށް ގޮސް އެބަތިއްބެވެ. އަދި ސޫރިޔާގައި ހަނގުރާމަކުރުމަށް ފަހު ބައެއް މީހުން އެނބުރި ރާއްޖެ އައިސްފައި ވެސް ވެ އެވެ. ނަމަވެސް ރާއްޖޭގެ ގައުމީ ދިފާއީ ބާރުން އެފަދަ ކަމެއް އަދި އެނގިފައި ނުވާ ކަމަށެވެ.
ސޫރިއާ ހަނގުރާމައިގައި ދިވެއްސަކު ބައިވެރިވެ، މަރުވިކަމުގެ މައުލޫމާތެއް ލިބިފައި ވޭތޯ ދެންނެވުމުން އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން މޭޖާ ހުސައިން އަލީ ވިދާޅުވީ އެފަދަ އެއްވެސް މައުލޫމާތެއް އަދި ނުލިބޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ތިޔަ ފަދަ އެއްވެސް މައުލޫމާތެއް އަދި ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ އެފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު އެ ދުވަހު ވިދާޅުވީ އެފަދަ ކަމެއްގެ މައުލޫމާތު ފުލުހުންގެ މައި އިދާރާ އަށް އަދި ލިބިފައި ނުވާ ކަމަށެވެ. އަދި އެ ފަދަ މައުލޫމާތެއް ފުލުހުންގެ އެއްވެސް ޑިޕާޓްމެންޓަކަށް ލިބިފައިވޭތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިއަންނަނީ ބަލަމުން ފުލުހުންގެ އެއްވެސް ޑިޕާޓްމެންޓަކަށް ތިޔަ ފަދަ މައުލޫމާތެއް ލިބިފައިވޭތޯ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން ވެސް ބުނީ ސޫރިޔާ އަށް ދިވެހިން ޖިހާދަށްދާ ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި ރައްޔިތުންނަށް އަންގަން ޖެހޭ ކަމެއް އޮވެއްޖެއްޔާ ބަޔާނެއް ނެރޭނެ ކަމަށެވެ.
ސޫރިޔާގެ އަހުލީ ހަނގުރާމަ ފެށުނީ 2011 ވަނަ އަހަރެވެ. އެ ހަނގުރާމަ ފެށުނީ ސޫރިޔާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި ބަޔަކާ ދެކޮޅަށް ސޫރިޔާ ސިފައިން ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލުމުންނެވެ. "އަރަބި ބަހާރު"ގެ ނަމުގައި މުޅި އަރަބި ދުނިޔޭގައި ދެމިގެން ދިޔަ އޮއިވަރުގައި ކުރި އެ މުޒާހަރާތައް ރޫޅާލުމުގެ ނަމުގައި ސޫރިޔާ ސިފައިން ވަރުގަދަ ހަމަލާތައް ދޭން ފެށުމުން މުޒާހަރާ ކުރި މީހުން ވެސް ހަތިޔާރުގެ ބޭނުން ކުރަން ފެށި އެވެ.
މުޒާހަރާތައް އަހުލީ ހަނގުރާމައަކަށް ވެފައި ވަނިކޮށް، އަވައްޓެރި ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން 2013 ވަނަ އަހަރު ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ. އެ ހަނގުރާމައިގައި މިހާރު ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން ބައިވެރިވާ ގިނަ އަދަދެއްގެ ޖަމާއަތްތައް ވަނީ ބައިވެރިވެފަ އެވެ. ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ އެކިއެކި ޖަމާއަތްތަކުގެ މެދުގައި ވެސް ކުރިމަތިލުންތައް ހިނގަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެހަނގުރާމައިގައި މިހާތަނަށް 232،000 އަށް ވުރެ ގިނަމީހުން ވަނީ މަރުވެފަ އެވެ. އަދި 4.5 މިލިޔަނަށް ވުރެ ގިނަ މީހުން ވަނީ ރެފިއުޖީންނަށް ވެފަ އެވެ.