04 Jun 2014, 15:21
ދައުލަތުގެ ބޭނުންތަކަށް ނޫން ގޮތަށް ދައުލަތުގެ ބައެއް އިމާރާތްތަކާއި ތަންތަން ސަރުކާރުން ބޭނުން ކުރާ ކަމަށް ބުނެ އެކަމާ ކަންބޮޑުވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އަށް އަލަށް ގުޅިވަޑައިގަންނަވާ ބައެއް އިސްވެރިން އެ ޕާޓީ އަށް ސޮއިކުރުމަށް މުލީއާގޭގައި ބާއްވާ ހަފްލާތަކަށް އިޝާރާތް ކުރައްވައި އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މިއަދު ސަން އޮންލައިނަށް ވިދާޅުވީ "އަޅުގަނޑު ވަރަށް ކަންބޮޑުވޭ ދައުލަތުގެ ބޭނުންތަކަށް ނޫން ގޮތަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރާތީ" ކަމަށެވެ.
އިތުރު ތަފްސީލެއް އޮޑިޓާ ޖެނެރަލް ނުދެއްވި އެވެ.
އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅަކީ މުލިއާގެ ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިގަންނަވާ ކަންކަން އެގޭގައި ކުރެވޭނެ ކަމަށް މުއާޒް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިނުގަންނަވާ އެގޭގައި ސިޔާސީ ޕާޓީއަކުން ކަމެއް ކުރާ ނަމަ އެއީ މައްސަލައެއް. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާ ހަރަކާތްތައް ހިންގުމަކީ މައްސަލައެއްކަމަށް ނުދެކެން،" މުއާޒް ވިދާޅުވި އެވެ.