ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ގިނަ އަދަދެއްގެ މުދާ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ބަހައްޓާ ތަކެތީގެ ތެރެއިން ސިއްހީ ގޮތުން ބޭނުން ކުރުމަށް ނުވަތަ ސްޓޯ ކުރުމަށް އެކަށީގެންނުވާ ތަކެތި ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅާ ތަކެތި ނައްތާލުމުގެ ބާރު އެ އިދާރާ އަށް ލިބިގެންވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ނައްތާލާފައިވާ ތަކެތީގެ ތެރޭގައި ތަރުކާރީ އާއި އެކި ވައްތަރުގެ ޖޫހާއި ކޮފީ އާއި ކުކިން އޮއިލް އާއި ހިކި މަސް ހިމެނޭ ކަމަށެވެ.

"އޭޕްރީލް މަހު ނައްތާލި ތަކެތީގެ ތެރޭގައި ތިން ފޮށި ހިކި މަހާއި ހަ ފޮށި ޓޮމާޓޯ ހިމެނޭ. އަދި މެއި މަހު ވަނީ 80 ކާޓޫނު އެޕަލް ޖޫހާއި 146 ކާޓޫނު ކޮފީ ދަޅާއި 34 ފުޅި ކައްކާ ތެލާއި 72 ފުޅި ވިނެގާ ނައްތާލާފައިވޭ. އަދި 200 ބަސްތާ ކެބެޖާއި 150 ބަސްތާ އަލުއްވާއި 200 ކާޓޫނު ބިސް ވެސް މެއި މަހު ވަނީ ނައްތާލައިފަ،" ކަސްޓަމްސް އިން ބުނެފައިވެ އެވެ.

ހަލާކުވެފައިވާ މުދާތައް ނައްތާލާފައި ވަނީ ތިލަފުށި ކޯޕަރޭޝަންގެ ދަށުން ތިލަފުށީ ކުނިކޮށި ސަރަހައްދުގައި ކަމަށެވެ. އަދި އެ ތަކެތި ނައްތާލާފައި ވަނީ މުދަލުގެ ވެރި ފަރާތާއި ކަސްޓަމްސްގެ އޮފިޝަލުންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އޮފިޝަލުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އޮފިޝަލުންގެ ހާޒިރުގައި ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.