03 Jan 2011, 07:00
ޏ. ފުވައްމުލަކުގައި މަސައްކަތް ކުރާ އިންޑިއާ މީހަކު އޭނާ މަސައްކަތް ކުރާ ފިހާރައިގެ ފައިސާތައް ފޮރުވުމަށް ފަހު، އަމިއްލަ އަށް ގަޔަށް ހަމަލާދީ އެހެން ބަޔަކު ފައިސާތައް ފޭރިގަތް ކަމަށް ބުނެ މައްސަލަ ޖެއްސި މީހަކާއި އެ ފައިސާތައް ފޮރުވުމުގައި އޭނާ އަށް އެހީތެރިވި އިންޑިއާ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުވައްމުލަކު ދިގުވާޑު އަވަށުން ހޯދަޑު އަވަށަށް ޗަސްބިން ހުރަސްކޮށް ހަދާފައިވާ މަގުން އެ ރަށު ވާދީ މާޓުގެ ޑެލިވަރީ ވޭން ދަނިކޮށް މޫނު ނިވާ ކޮށްގެން ތިބި ތިން މީހަކު އެ ވޭން ހުއްޓުވައި ވޭނުގެ ޑްރައިވަރަކަށް ހުރި އިންޑިޔާ މީހަކަށް ހަމަލާދީ އޭނާގެ އަތުގައި ހުރި ގިނަ ޢަދަދެއްގެ ފައިސާ ފޭރިގަތް ކަމަށް ބުނެ ފުލުހުންނަށް އިއްޔެރޭ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ އޭނާގެ އަތުން 9930 ރުފިޔާ ފޭރިގަތް ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. ނަމަވެސް ފަހުން އިންޑިއާގެ އެމީހާ ގެނެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އޭނާ އަށް ބަޔަކު ހަމަލާދީ ފައިސާ ފޭރިގަތް ކަމަށް ބުނި ނަމަވެސް އެއީ އޭނާ އަމިއްލަ އަށް ފައިސާތައް ފޮރުވަން ކުރި ކަމެއް ކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އޭނާ ލައިގެން ހުރި ގަމީހުގެ ހުރިހާ ގޮށްތަކެއް އަމިއްލަ އަށްނަށްޓާލަފައިވާ ކަމަށާއި ނަމަވެސް މޭމައްޗާ ދިމާލުގައި އިން ގޮށް ނަށްޓާލާފައިނުވާތީ އާއި މޭމަތީގައި އޭނާގެ އަތުން ވަކި އަޅައި މަށާފައި ވަނީ އެމީހާ އަމިއްލައަށް ކަން ނިޔަފަތިތަކުން އެނގޭ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އެގޮތުން ކޮންމެވެސް ވަރަކަށް ނިޔަފަތިތަކުގައި ލޭ އުނގުޅިފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރިތާ ދެގަޑި އިރުގެ ތެރޭގައި ފުލުހުން ވަނީ ފޭރިގަތްކަމަށް ބުނާ ފައިސާތައް ހޯދާފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ވޭނުގެ ތެރެއިން 1425 ރުފިޔާގެ ޗެކަކާއި 550 ރުފިޔާގެ ޗެކެއްގެ އިތުރުން 117 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ އޭނާގެ އަތުގައި ހުރި ފައިސާތައް ފޮރުވުމުގައި އެ ރަށުގައި މަސައްކަތް ކުރާ އިންޑިއާގެ އެހެން ރައްޔިތަކު ވެސް އެހީތެރިވެދީފައިވާ ކަން ތަހުގީގަށް އެނގިފައިވާތީ މިހާރު އެ ދެ މީހުން ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ ފުވައްމުލަކުގައި ކުށްކުރުން މަދު ކުރުމަށް މިހާރު ރަށުތެރެ އިތުރަށް ޕެޓްރޯލު ކުރަމުން އަންނާތީ އެފަދަ މައްސަލަތައް ވަރަށް ސީރިއަސްކޮށް ނަގައިގެން ބަލަމުން އަންނަ ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ނޫސްވެރިންނަށް މަޢުލުމާތު ދެއްވަމުން ފުލުހުން ބުނެފައި ވަނީ ވޭތުވެ ދެ މަސް ދުވަހުގެ ތެރޭގައި ބިދޭސީންގެ ފަރާތުން ކޮށްފައިވާ ވައްކަންތަކާއި ވަގު ޑޮލަރު ގެންގުޅުން ފަދަ ކަންތައްތައް ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ.
އަދި ބައެއް ބިދޭސީން އެމީހުންގެ އަމިއްލަ ހަށިގަނޑަށް ހަމަލާދީ އެހެން މީހަކު ހަމަލާދިން ކަމަށް ބުނެ ބޮޑެތި ވައްކަން ތައް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.