04 Jun 2014, 15:02
އިގުތިސާދު ވަރަށް އަވަހަށް ހަމައަކަށް އެޅުވުން ސިޔާސަތުތަކުގެ އާމަޒަކަށް ހެދުމަށް ވޯލްޑްބޭންކާ އެކު ދިވެހި ސަރުކާރުން އެއްބަސްވެއްޖެ އެވެ.
ވޯލްޑް ބޭންކުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ފަރާތުން އެކަމަށް އެއްބަސްވީ ވޯލްޑް ބޭންކްގެ ދެކުނު އޭޝިއާ ސަރަހައްދުގެ ނައިބު ރައީސް ފިލިޕް ލެ ހޯރޯ އިސްވެ ހުންނެވި ވަފުދެއް ރާއްޖެ އަށް ކުރި ޒިޔާރަތެއްގައި ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެވެ.
ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ގައުމީ ތަރައްގީގެ ސްޓްރެޓެޖީއެއް އެކުލަވައިލުމަށް މަސައްކަތް ކުރުމަށް ވެސް އެބައްދަލުވުމުގައި އެއްބަސްވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ރައީސް ޔާމީނާއި ލެހޯރޯގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި ޑެފިސިޓް ކުޑަކުރުމާއި އަމިއްލަ ވިޔަފާރިތަކަށް ރަނގަޅު މާހައުލެއް އުފެއްދުމާ މެދު ވެސް މަޝްވަރާ ކުރައްވާފައިވެ އެވެ.
ރާއްޖެއަށް ކުރެއްވި ޒިޔާރަތަށް ފަހު ލެހޯރޯ ވިދާޅުވެފައި ވަނީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދު ކުރިއަރަމުން އައިސްފައިވާ ކަމަށާއި މިއަހަރު ވެސް 4.5 ޕަސެންޓްގެ ކުރިއެރުމެއް އަންނަނާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް 200 ރަށަށް އާއްމު ހިދުމަތްތައް ދިނުމުގައި ހަމަހަމަ ކުރުން ފަދަ ގޮންޖެހުންތައް ރާއްޖެއަށް ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ވޯލްޑް ބޭންކްގެ ވަފުދުން ވަނީ ފިނޭންސް މިނިސްޓްރީގެ އިސްވެރިންނާއި ކަމާ ގުޅޭ އެހެން މިނިސްޓްރީތަކުގެ އިސް ބޭފުޅުންނާ ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށަށް ވެސް އެ ވަފުދު ވަނީ ޒިޔާރަތްކޮށްފަ އެވެ.