04 Jun 2014, 14:45
ވ. އަންބަރާގައި މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީކުރިކަމުގެ ތުހުމަތަށް އެ ރަށުން މީހުން ހައްޔަރުކުރުމުގައި އެއްގޮތަކަށް ވެސް ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ އެ އޮޕަރޭޝަނުގައި އެކަށީގެން ނުވާ ބާރުގެ ބޭނުންކުރި ކަމަށާއި އެއޮޕަރޭޝަނުގައި ހައްޔަރުކުރި ބައެއް މީހުން ބަންދުގައި ތިބި އިރު ގޯނާ ކުރި ކަމަށް ބުނެ އެމްނެސްޓީ އިންޓަނޭޝަލް އިން މޭ މަހުގެ 30 ވަނަ ދުވަހު ނެރުނު ބަޔާނަކާ ގުޅިގެން ސުވާލުކުރުމުންނެވެ.
"އެ އޮޕަރޭޝަނުގައި އެކަށީގެން ނުވާ ބާރެއް ވެސް، އެކަށީގެންވާ ބާރެއް ވެސް ބޭނުންކޮށްފައެއް ނުވާނެ. އެތަނުން ހައްޔަރުކުރި މީހުން ފުލުހުންނަށް ނުކިޔަމަންތެރިކަމެއް ނުދައްކާ. އެއިން މީހަކާ ދެކޮޅަށް އަޅުގަނޑުމެން އެދައުވާ (އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ކުށުގެ ދައުވާ) ނުވެސް އުފުލަން،" ފުލުހުންގެ މީޑިއާ އޮފިޝަލް އިސްމާއީލް އަލީ ވިދާޅުވި އެވެ.
ބަންދުގައި ތިބި އިރު އަނގަބަހުންނާއި އެނޫން ގޮތް ގޮތުން ގޯނާ ކުރި ކަމަށް ބުނެފައިވާ ބުނުމަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ އެފަދަ އެއްވެސް ޝަކުވާއެއް ފުލުހުންނަށް ވެސް އަދި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ވެސް ލިބިފައި ނުވާ ކަމަށެވެ.
"... ފުލުހުން އެފަދަ ކަމެއް ކޮށްފައެއް ނުވާނެ. އެފަދަ ކަމެއް ކުރިކަމުގެ ޝަކުވާއެއް އަޅުގަނޑުމެންނަށް ވެސް އަދި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ވެސް ހުށަހަޅާފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ބަޔާނުގައި ބުނެފައި ވަނީ އަންބަރާ އިން ހައްޔަރުކުރި މީހުން ބިން މައްޗަށް ވައްޓާލައި، މޫނު ވަތަށް ބޭތިއްބި ކަމަށާއި ހުތުރު ބަހުރުވައިން މުހާތަބުކުރި ކަމަށާއި އެ މީހުން ގެންގުޅުނު ތަކެތި ލޫޓުވި ކަމަށް އެމްނެސްޓީއާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ކަމަށެވެ.
މިދިޔަ އޭޕްރިލް މަހުގެ 18ވީ ހުކުރު ދުވަހުގެ ރޭ އަންބަރާގައި ޕާޓީ ކުރަން ގޮސްތިބި މީހުންގެ ތެރެއިން ހައްޔަރު ކުރި 79 މީހުންގެ ޔޫރިން ވެސް މަސްތުވާތަކެއްޗަށް ޕޮޒިސިޓްވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެ މީހުން ޕާޓީ ކުރި ރަށުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ އާއި ބާރުގަދަ މަސްތުވާތަކެއްތީގެ ބާވަތެއް ކަމަށްވާ އެލްއެސްޑީގެ އިތުރުން ކެނަބިސް ވެސް ފުލުހުން ވަނީ އަތުލައިގެންފަ އެވެ. އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ވެސް ކުރި ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.