އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕަށް ނުކުންނަ އެންމެ ފަހުގެ ރަނަރަޕް ނެދަލޭންޑްސްގެ ތައްޔާރުވުންތައް ދަނީ ސުލްހަވެރިކަމާއެކު ރަނގަޅަށް ކަމުގައި އެ ޓީމުގެ ކޯޗު ލުއިސް ވެން ހާލް ބުނެފި އެވެ.

މި މަހު 12 ވަނަ ދުވަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕަށް ނުކުންނަ ނެދަލޭންޑްސް އަކީ މުބާރާތުގެ ފޭވަރިޓް ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެކެވެ. ނެދަލޭންޑްސްއަކީ ޔޫރޯ އަދި ވޯލްޑް ކަޕުގައި ވެސް ގަދަ ބާރެކެވެ.

"ޓީމު ހަމައެކަނި ބިނާވެފައި އޮތީ ކުޅުންތެރިންގެ މައްޗަކަށް ނޫން. ޓީމެއްގައި ނަމަ، މެނޭޖްމަންޓެއް ވެސް އޮންނާނެ،" ފީފާގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ވެން ހާލް ބުންޏެވެ. "އަހަރެންނަށް ހީވަނީ ސްކޮޑު ތެރޭގައި އޮންނަން ޖެހޭނީ ސްކޮޑާއި ކޯޗުގެ ގުޅުންހެން. ކުރިން އަހަރެންނަށް ދިމާވި މައްސަލައަކީ އެއީ. ނަމަވެސް މިހާރު އެކަން އަހަރެންނަށް ސާފުވެއްޖެ. މިހާރު އެއްވެސް މައްސަލައެއް ނެތް. ހުރިހާ ކަމެއް ދަނީ ރަނގަޅަށް،"

ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި ނެދަލޭންޑް ނުކުންނަން ޖެހޭނީ 2010 ވަނަ އަހަރުގެ ފައިނަލުގައި އެ ޓީމާއި ދެކޮޅަށް ނުކުތް ސްޕެއިނާ ދެކޮޅަށެވެ. ބާސެލޯނާ އަށް ނެދަލޭންޑްސް ކޯޗު އިރުޝާދު ދިން އިރު، އެ ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިން ސްޕެއިން ޓީމަށް ކުޅޭނެ އެވެ.

"އަހަރެން ފަހުރުވެރިވަނީ އަންދުރޭސް އިނިއެސްޓާ އަދި ޒަވީއާ މެދު އެކަންޏެއް ނޫން. އަނިޔާގެ ސަބަބުން ނުކުޅެވޭ ކާލެސް ޕުޔޯލް އަދި ވިކްޓާ ވަލްޑޭސްއާ މެދު ވެސް ފަހުރުވެރިވަން. އަހަރެން އެ ކުޅުންތެރިންނާ މެދު ފަހުރުވެރިވިޔަސް، އެ މިޑްފީލްޑަރުން ހުއްޓުވޭނެ. އެކަމަކު އެ މީހުން ހުއްޓުވަން އުނދަގޫވާނެ،" ވެން ހާލް ބުންޏެވެ.

ސްޕެއިންގެ އިތުރުން ނެދަލޭންޑް ހިމެނޭ ގްރޫޕް ބީގައި ދެން ހިމެނެނީ ޗިލީ އަދި އޮސްޓްރޭލިއާ އެވެ. ވޯލްޑް ކަޕުގައި ނެދަލޭންޑްސް ކުޅޭ ފުރަތަމަ މެޗުގައި ސްޕެއިންއާ ދެކޮޅަށް ނުކުންނާނީ ޖޫން 13 ވަނަ ދުވަހުގެ ރޭ 12:00 ގަ އެވެ.