ނުކުޅެދޭ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހއ. ކެލާއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އެ މީހާގެ މައްޗަށް ތުހުމަތު ކުރަނީ ސިކުނޑީގެ އުނިކަން ހުރި 14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ހާނިކަ ކުރި ކަމުގެ ތުހުމަތެވެ. އެ ތުހުމަތައް ހައްޔަރުކޮށްފައި ވަނީ 58 އަހަރުގެ ފިރިހެނެކެވެ.

މެދު އުމުރުގެ އެ މީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު އެވެ. އޭނާގެ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ.

ފުލުހުން ބުނީ ނުކުޅެދޭ ކުއްޖާއަށް އެ މީހާ ޖިންސީ ގޯނާ ކުރިކަން ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އަދި އެ ރިޕޯޓް ލިބުމާއެކު، ބަލަންޖެހޭ ބެލުންތަކަށްފަހު ޖެހިގެން އައި ހޯމަ ދުވަހުގެ ހަވީރު 5:27 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.