04 Jun 2014, 13:29
އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑް ކަޕަށް ބްރެޒިލް ނުކުންނަ އިރު، އަދިވެސް ކުޅުން އިތުރަށް ރަނގަޅު ކުރެވިދާނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ފެލިޕޭ ސްކޮލާރީ ބުނެފި އެވެ.
މި މަހު 12 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕަށް ބްރެޒިލް ތައްޔާރުވުމަށް ޓަކައި އިއްޔެ ޕެނަމާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ބްރެޒިލް މޮޅުވީ 4-0 ލަނޑުންނެވެ. މެޗުގައި ބްރެޒިލް އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ނޭމާ އާއި ޑަނީ އަލްވޭސް އާއި ހަލްކް އަދި ވިލިއަން އެވެ.
"އަދިވެސް ކަންބޮޑުވުންތަކެއް އެބަހުރި. ނަމަވެސް ޕެނަމާ މެޗުގައި ދެއްކީ މިދިޔަ އާދިއްތަ ދުވަހު ދެއްކި ކުޅުމަށް ވުރެ ރަނގަޅު ކުޅުމެއް،" ބްރެޒިލްގެ ކުޅުމާ މެދު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސްކޮލާރޯ ބުންޏެވެ. "ޕެނަމާގެ ކުޅުންތެރިން ކައުންޓާ އެޓޭކް ކުރުމުގެ ފުރުސަތެއް އަހަރެމެންނެއް ނުދެން. އަހަރެން ދެކެން ބޭނުންވާ ކުޅުމަކީ އެއީ. އަހަރެމެންގެ ކުޅުން ރަނގަޅު ކުރެވިއްޖެ. ނަމަވެސް މިއަށް ވުރެ ރަނގަޅު ކުޅުމެއް އަދިވެސް ދެއްކޭނެ،"
ސްކޮލާރީ ބުނީ، އަންނަ ހުކުރު ދުވަހު ސާބިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި އެ ޓީމުގެ މުހިންމު ކުޅުންތެރިންނަށް ރެސްޓް ދޭނެ ކަމަށެވެ.
"ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެއްވެސް ކުޅުންތެރިއަކަށް ކަމެއް ވެއްޖެއްޔާ، ހުރަހަކަށްވާނެ. އަހަރެމެން ބޭނުން ވަނީ ވޯލްޑް ކަޕުގައި ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅޭ މެޗުގައި އެންމެ ރަނގަޅު ކުޅުން ދެއްކުން. އެހެންކަމުން ސާބިއާއާ ދެކޮޅަށް ކުޅޭ މެޗުގައި މުހިންމު ކުޅުންތެރިންނަށް ރެސްޓް ދޭނަން،"
ވޯލްޑް ކަޕުގެ ގްރޫޕް އޭގައި ހިމެނޭ ބްރެޒިލް ވާދަކުރަން ޖެހޭނީ ކްރޮއޭޝިއާ، މެކްސިކޯ އަދި ކެމަރޫންއާ ދެކޮޅަށެވެ.