04 Jun 2014, 13:11
އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ޕީޕީއެމަަށް ސޮއިކުރައްވައިފި އެވެ.
ޖޭޕީގެ ސްލޮޓެއްގައި ހުންނެވި ތޯރިގު ޕީޕީއެމް އަށް ސޮއި ކުރެއްވީ މުލީއާގޭގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ތޯރިގު ޕީޕީއެެމް އަށް ސޮއި ކުރެއްވުމަށް އޭނާގެ މެމްބާޝިޕް ފޯމް ހަވާލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ ތޯރިގަކީ ވަރަށް ހަރަކާތްތެރި ބޭފުޅެއް ކަމަށާއި، ތޯރިގް ޕީޕީއެމް އަށް ސޮއިކުރެއްވިކަމީ ޕާޓީއަށް އަދި އަދުގެ ސަރުކާރަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ތޯރިގް މަސައްކަތް ކުރައްވާ ދާއިރާއަކީ ރަށްރަށުގެ ވެއްޓާ މާލޭގެ ވެއްޓާ ވެސް ވަރަށް ގުޅުންހުރި ދާއިރާއެއް ކަމަށާއި، އެއީ ފެނުގެ މަސައްކަތް ވިޔަސް ނުވަތަ ނަރުދަމާގެ މަސައްކަތް ވިޔަސް އެކަންކަން ކުރުމުގައި ސަރުކާރަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ލިބި ކަންކަމުގައި ފަސޭހައިން މަޝްވަރާ ކުރެވޭނެ ކަމަށެވެ.
އެންވަޔަރަންމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވީ މިއަދުގެ މި ނިންމުމަކީ އެންވަޔަރަންމަންޓް މިނިސްޓްރީން ކުރަން ނިންމާފައިވާ މަސައްކަތްތަށް އަވަހަށް ނިންމުމާއި ރައްޔިތުންގެ ބޭނުންތަށް ފަސޭހަ ގޮތެއްގައި ފުއްދައި ދިނުމަށް އެޅިގެންދާނެ ފިޔަވަޅެއް ކަމަށެވެ. އަދި ވިދާޅުވީ އޭނާ ޕީޕީއެމަށް ސޮއިކުރެއްވީ އެއްވެސް ފަރާތެއްގެ ޕްރެޝަރެއް އޮވެގެން ނޫން ކަމަށެވެ. އަދި އެ ގޮތަށް ނިންމެވީ އޭނާގެ ދާއިރާ އިން ގިނަ ހިދުމަތްތަކެއް ކޮށްދެވޭނީ ޕީޕީއެމާ ގުޅިވަޑައިގެން ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އަދި ޕީޕީއެމްގެ ނައިބު ރައީސް، ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ބައިވެރިވެވަޑައިގެންނެވި އެވެ.
ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ކޯލިޝަން ރޫޅުމަށް ފަހު، ޖޭޕީގެ ސްލޮޓެއްގައި ހުންނެވި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ޖޭޕީގެ މިނިސްޓަރުންގެ ގޮތުގައި މިހާރު ތިއްބެވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.