03 Jan 2011, 06:17
ޅ. ދިއްފުށިމާދޫގައި ޕޮލިސް އެކަޑަމީއެއް ގާއިމްކުރުމަށާއި ރިސޯޓެއް ތަރައްގީކުރުމަށްޓަކައި އިޒްރޭލުގެ ބަޔަކާ އެކު ފުލުހުން "ސިއްރު އެއްބަސްވުންތަކެއް" ވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ބަޔަކު ހަގީގަތް ނުބަލައި ދައްކާ ވާހަކަތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.
އިޒްރޭލުގެ ބަޔަކު އަޑީގައި ތިބެގެން ކުވެއިތުގެ އަލްރައުދަން ހަމޫދް ކުންފުނި މެދުވެރިކޮށް ދިއްފުށިމާދޫ ދިގުމުއްދަތަށް ކުއްޔަން ހިފުމާ ގުޅޭ ގޮތުން ފުލުހުންނާ މަޝްވަރާކުރި ކަމަށް ދޭހަވާ ލިޔެކިޔުންތަކެއް އަދާލަތު ޕާޓީން އާއްމު ކުރުމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނަނީ، "އިޒުރޭލުގެ ބަޔަކާ އެކު ސިއްރު ބައްދަލުވުންތަކެއް ބާއްވާ ސިއްރު އެއްބަސްވުންތަކެއް އެއްބަސްވެފައިވާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ދައްކަވާ ވާހަކަތަކަކީ ބަލަންވާ ވަރަށް ކަމުގެ ހަޤީޤަތް ނުބަލާ ދައްކަވާ ވާހަކަތަކެއް" ކަމަށެވެ.
އަދި ދިއްފުށިމާދޫއާ ގުޅޭ ގޮތުން ހަގީގީގަތް އޮޅޭ ގޮތަށް އަދާލަތު ޕާޓީން ދެއްކި ކަމަށް ބުނާ ވާހަކަތަކާ މެދު ކަންބޮޑުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. "އަދާލަތު ޕާޓީގެ އާއްމު ބައްދަލުވުމެއްގައި ވާހަކަ ދެއްކެވި ބޭފުޅަކު ދިވެހިންގެ ދީނީ އަޤީދާއާއި އެކަމާ ގުޅުވައި ފުލުހުންގެ މުއައްސަސާއާ މެދު ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަން އުފެދި، އިތުބާރު ގެއްލޭފަދަ ގޮތަކަށް ދެއްކެވި އެވާހަކަތަކާ މެދު މިސަރވިސްއިން ކަންބޮޑުވަމެވެ." އެ ބަޔާނުގައިވެ އެވެ.
ދިއްފުށިމާދޫގައި ޕޮލިސް އެކަޑަމީއެއް ތަރައްޤީކުރުމަށްޓަކައި އިންޑިޔާ ސަރުކާރާ މަޝްވަރާކޮށް، އެކަމުގެ ޢަމަލީ މަސައްކަތްތައް ފެށުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އެ ބަޔާނުގައި ދިއްފުށިމާދޫ އިޒުރޭލު ބަޔަކަށް ކުއްޔަށް ދިނުމަށް ފުލުހުން ވާހަކަ ދެއްކި ކަމަށް ބުނާ ވާހަކަތައް ފުލުހުން ދޮގުކޮށްފައެއް ނުވެ އެވެ.
އަދާލަތު ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 52 ކެނޑިޑޭޓުން އިއުލާނު ކުރުމަށް ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި އެޕާޓީގެ ތައުލީމާއި ތަރުބިއްޔަތު ކޮމެޓީގެ ރައީސް ޑރ. މައުރޫފް ހުސެން އާންމު ކުރެއްވެވި ޑޮކިއުމަންޓްތަކުގެ ތެރޭގައި ކުވައިތުގެ ހުމޫދު ގުރޫޕް އިން ޅ. ދިއްފުށިމާދޫގައި 30 އަހަރަށް ޕޮލިސް އެކަޑަމީއެއް އަޅައި އެ ރަށުގައި ޓޫރިސްޓް ރިސޯޓެއް ހިންގުމަށް އެއްބަސްވެފައިވާ ޑްރާފްޓް އެމްއޯޔޫއެއް ހިމެނެ އެވެ.
އެ އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ނެގޯޝިއޭޓް ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އަދި މިހާރު ރައީސުލް ޖުމްހުރިއްޔާގެ މުހައްމަދު ނަޝީދުގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިހާބެވެ.
އެ އެމްއޯޔޫގެ އިތުރުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އިޒްރޭލުގެ އަށް މީހުން އެކުލެވޭ ވަފުދެއް ރާއްޖެއަށް ޒިޔާރަޔްކުރިކަމަށް ބުނާ ހާރިޖިއްޔާގެ އެކޮނަމިކް އެންޑް ކޯޕްރޭޝަން ޑިޕާޓްމަންޓުގެ ލެޑާ ހެޑްގައި އޮތް ޑޮކިއުމަންޓަކާއި އިޒްރޭލުގެ ވަފުދުގައި ރާއްޖެއަށް ޒިޔާރަޒްކުރި ލީރޮން ޒަސްލާންކީ ކިޔާ އަންހެނަކާ ފުލުހުންގެ އޮފިސަރަކާ ދެމެދު މުއާމަލާތު ކޮށްފައިވާ ކަމަށް ބުނާ އީމެއިލްތަކެއް ވެސް ހިމެނެ އެވެ.