04 Jun 2014, 13:01
ޏ. ފުވައްމުލަކު ހޮސްޕިޓަލުގެ ހިދުމަތްތަކާ ގުޅޭ ގޮތުން އެ ރަށުގެ އެމްޑީޕީ ކައުންސިލަރުން މީޑިއާގައި ދެއްކި ވާހަކަތަކަށް ދޮގުކޮށް، ހޮސްޕިޓަލާމެދު ކުރާ ތުހުމަތުތައް އެ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.
އެ ހޮސްޕިޓަލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ މިދިޔަ މޭ މަހުގެ 31 ވަނަ ދުވަހު އެ ރަށު ހޮސްޕިޓަލުގައި އެޑްމިޓްކުރި އަންހެން މީހާއަކީ ބަރާބަރަށް ޑޮކްޓަރަށް ދައްކަމުން ދިޔަ މީހެއް ކަމަށާއި އޭނާ އެންމެފަހުން އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފެށީ ބަނޑުގައިވާ ދަރިފުޅުގެ ވިންދު އަވަސް ވެގެން ކަމަށެވެ. ހޮސްޕިޓަލުން ބުނީ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ބަލިމީހާގެ އާއިލާއާ ވާހަކަ ދައްކައި އެއްބަސްވި ގޮތުގެ މަތިން ކަމަށެވެ.
އެ ހޮސްޕިޓަލުން އަދި ބުނީ އޮޕަރޭޝަންގެ ތެރޭ މައިމީހާ އާއި ދަރިފުޅަށް ގެއްލުންވެދާނެ ކަމަށް ޑޮކްޓަރަށް ލަފާ ކުރެވިގެން އައްޑޫ ރީޖަނަލް ހޮސްޕިޓަލުން ކުޑަކުދިންގެ ޑޮކްޓަރަކާއި ގައިނޮކަލަޖިސްޓެއް ގެންގޮސްގެން މައިމީހާ އާއި ދަރިފުޅަށް އެއްވެސް ނުރައްކަލެއް ދިމާނުވެ ނިންމާލެވުނު ކަމަށެވެ.
އަދި ހަމަ އެދުވަހުގެ ރޭ އިތުރު މާބަނޑު މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދަނިކޮށް، ކުއްލި ގޮތަކަށް ކުއްޖާގެ ވިންދު ދަށްވެ ބަނޑަށް މަރުވެފައިވާ ކަމަށެވެ. ހޮސްޕިޓަލުން ބުނީ ކުއްޖާ ވިއްސިއިރު، އެ ކުއްޖާގެ ކަރުގައި ފޫޅުދަނޑި އޮޅި ބާރުވެފައި އޮތް ކަމަށެވެ. އަދި އެކަން ތަހުގީގު ކުރިއިރު، އެކަމުގައި ހޮސްޕިޓަލުގެ އިހުމާލެއް ނެތް ކަމަށް ވެސް ޏ. އަތޮޅު ހޮސްޕިޓަލުން ބުނެ އެވެ.
އެ ހޮސްޕިޓަލުން އަދި ބުނީ މިދިޔަ އާދިއްތަ ދުވަހު ފުޓުބޯޅަ ކުޅެން ހުއްޓައި ވެއްޓިގެން ހޮސްޕިޓަލަށް ގެންދިޔަ މީހާ ގެންދިޔައިރު ވެސް ވިންދު ނެތް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
އަދި އެއާ ޖެހިގެން އައި ދުވަހު ގަދަޔަށް ހުން އައިސްގެން އެޑްމިޓް ކުރި ކުއްޖެއްގެ ގަޔަށް ނުބައި އިންޖެކްޝަނެއް ޖެހި ކަމަށް ބުނާ ވާހަކަ ވެސް ހޮސްޕިޓަލުން ވަނީ ދޮގުކޮށްފަ އެވެ. ހޮސްޕިޓަލުން ބުނީ އެ ކުއްޖާ ގަޔަށް ޖަހާފައި ވަނީ އެންޓިބައޮޓިކް އިންޖެކްޝަނެއް ކަމަށެވެ.
އެ ހޮސްޕިޓަލުން ލެބޯޓަރީގައި އާންމުކޮށް ހަދާ ހުރިހާ ޓެސްޓުތަކެއް ވެސް ހެދޭ ކަމަށެވެ. އަދި ފުވައްމުލަކު އަތޮޅު ކައުންސިލުން ދީފައިވާ ނޫސް ކޮންފަރެންސްގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަގީގަތް އޮޅުވާލައިގެން ވާހަކަ ދައްކާފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
މާލޭ ސިޓީ ކައުންސިލް ހޯލުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުވައްމަލު ކައުންސިލުން ބުނެފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖްމަންޓުން ވެސް ހޮސްޕިޓަލުގެ ކަންތައްތަކުގައި އިހުމާލުވެފައިވާ ކަމަށެވެ. އަދި ޑޮކްޓަރުންނަށް ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ ފަރާތުން އަޅާލުމާއި އެއްބާރުލުން ނުލިބޭ ކަމަށް އެނގިފައި ވާ ކަމަށް ކައުންސިލަރުން ވިދާޅުވި އެވެ.