އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ފިހާޅޮހި އައިލެންޑް ރިސޯޓް އަތުން ފަސޭހަކަމާއެކު މޮޅުވެ، ބަނޑޮސް އައިލެންޑް ރިސޯޓުން ޗެމްޕިއަންކަން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލު މެޗުގެ ތިން ސެޓު ބޮނޑޮހުން ގެންދިޔައީ 25-16، 25-11 އަދި 25-14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ބަނޑޮހުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ބަނޑޮހުގެ އިޝާން މުހައްމަދު (ބަޓިސް) ހޮވުނު އިރު، މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މުހައްމަދު ޝާއިން އެވެ.

މުބާރާތުގެ ފައިނަލަށް ބަނޑޮސް ދަތުރުކުރީ ރޯޔަލް އައިލެންޑާއި ދެކޮޅަށް ކުޅުނު ދެ މެޗު ކާމިޔާބުކޮށްގެންނެވެ. އަދި ފިހާޅޮހިން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާއާ ދެކޮޅަށް ކުޅުނު ފަހު މެޗުން ހޯދި ކާމިޔާބާއެކު އެވެ.