އަންނަ އާދީއްތަ ދުވަހު ފަށާ އެސްޓީއޯ ނޫފަހި ވިމަންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ އެންމެ ފަހުގެ ޗެމްޕިއަން ސަން ހޮޓެލްސް އެންޑް ރިސޯޓްސް (ސަން) ޓީމުގައި ތިބި ކުޅުންތެރިންނަކީ އަޒުމް ނުގުޑާ ފަދަ ވަރުގަދަ އަޒުމެއްގައި ތިބި ކުޅުންތެރިންތަކެއް ކަމަށް ސަން ހޮޓެލްސް އެންޑް ރިސޯޓްސްގެ ޗެއާމަން އަދި މެނޭޖިންގް ޑިރެކްޓަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސަން ޓީމު ތައާރަފުކޮށް، ޖާޒީ ހަވާލުކުރުމަށް ރޭ އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓްގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ، އިރާދަކުރެއްވިއްޔާ ސަން ޓީމަށް ވިމަންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކުރެވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދި ކުޅުންތެރީންގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކޮށްފި ނަމަ އުނދަގުލަކާ ނުލައި އެކަން ހާސިލުވާނެ ކަމަށް ވެސް ސިޔާމު ވިދާޅުވި އެވެ.

"ޓީމުގައި ތިބި ކުޅުންތެރިންނަކީ އަޒުމު ނުގުޑާ ފަދަ [ވަރުގަދަ] އަޒުމެއްގައި ތިބި ކުޅުންތެރިންތަކެއް. އަދި ޓީމުގެ މެނޭޖަރ އައިޝަތު ރަފިއްޔާ އާއި މުޅި މެނޭޖްމެންޓް ޓީމަކީ ވެސް ފިސާރި މިކަމަށް ކެރިގެން ނުކުމެގެން ތިބި ބައެއް. އެހެންވީމާ އަޅުގަނޑުމެންގެ އުންމީދަކީ އަދި ސަން ޓީމުގެ އުންމީދަކީ މި ތަށި އަޅުގަނޑުމެން ހާސިލްކުރުން. އަޅުގަނޑުމެން ހަމައެކަނި ކުރަން ޖެހޭ ކަމަކީ އެމީހެއްގެ ޒިންމާ އެމީހަކު އަދާކުރުން. ކޮންމެ ކުޅުންތެރިއެއްގެ ހުންނަން ޖެހޭ ޑިސިޕްލިން ކޯޗު ބުނާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުން. މި ތަށި ޔަގީނުން ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބޭނެ،" ސިޔާމް ވިދާޅުވި އެވެ.

ކުރިން ރާއްޖޭގައި އަންހެނުންނަށްދޭ އަހައްމިއްޔަތު ކުޑަކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ، އަންހެން ބޭކަނބަލުންނަކީ ހަމަ ފިރިހެނުންނާ އެއްފަދައިން ކުޅިވަރުގައި ވެސް އަދި އެހެން މައިދާންތަކުގައި ވެސް ހަރަކާތްތެރިވެވޭނެ ބައެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގައި އަންހެނުންނަށްދޭ އަހައްމިއްޔަތުކަން މީގެ ކުރީން އޮތީ ވަރަށް ކުޑަކޮށް. އެހެން ނަމަވެސް އަޅުގަނޑުމެން ދެކޭ ގޮތުގައި އަންހެން ބޭކަނބަލުންނަކީ ހަމަ ފިރިހެނުންނާ އެއްފަދައިން ކުޅިވަރުގައި ވެސް އަދި ސިޔާސީ މައިދާނުގައި ވެސް އަދި އެހެން މަސައްކަތްތަކުގެ މައިދާންތަކުގައި ވެސް ހަރަކާތްތެރިވެވޭނެ ބޭފުޅުންނަށް ވާން ޖެހޭނެ. އެހެންވުމާ އެކު އަންހެނުންގެ ފުޓްބޯޅަ އަށް އަޅުގަނޑުމެން ވިސްނީ،" ސަން ހޮޓެލްސް އެންޑް ރިސޯޓްސްގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވި އެވެ.

ސަން ޓީމްގެ މެނޭޖަރ އައިޝަތު ރަފިއްޔާ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން


އަންހެނުންގެ ފުޓްބޯޅަ ތަރައްގީ ކުރެއްވުމަށް އިސްނަންގަވައި ސިޔާމް ވިދާޅުވީ، ކޮންމެ ކަމެއްގެ ވެސް އުންމީދަކަށް ވާން ޖެހޭނީ ކާމިޔާބުކުރުން ކަމަށާއި ކާމިޔާބުގެ ތަޅުދަނޑިއަކީ ނުގުޑާ ފަދަ އަޒުމެއްގައި ވަރުގަދަ އަދި ފުރިހަމަ ގޮތެއްގައި މަސައްކަތްކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ކޮންމެ ކަމެއްގެ އުންމީދަކީ ކާމިޔާބުކުރުން. ކާމިޔާބުކުރުމުގެ ތަޅުދަނޑިއަކީ ނުގުޑާ ފަދަ އަޒުމެއްގައި ވަރުގަދަ އަދި ފުރިހަމަ ގޮތެއްގައި މީހާ އެ މަސައްކަތެއް ކުރުން. [ކުޅުންތެރިއަކަށް] ގޯލެއް ޖަހަން ލިބިއްޖެ ނަމަ، ތުރުތުރުނާޅާ އަޅުގަނޑުމެން އެބަޖެހޭ އެ ގޯލު ޖަހާލަން. ނޫނީ އެ ބޯޅަ ލިބުނީމާ އަޅުގަނޑުމެން އެބަ ޖެހޭ ތިމަންނަގެ އަމިއްލަ މިލްކެއްކަމުގައި މިއޮތީ ތިމަންނަ ދޭނެ މީހާ އަށް ކަމަށް މި ބޯޅަ ދެވޭނެ [ކަން ކަށަވަރުވާން]. އެހެންކަމުގައިވާ ނަމަ، ކުޅުންތެރިޔާ ޕާސް ކުރާނީ އެމީހާގެ ޓީމަށް، އެ ބޯޅަ ގެއްލިގެނެއް ނުދާނެ. [ނުބައި މީހަކަށް ބޯޅަ ޕާސްކޮށް ބޯޅަ] ގެއްލުވައިލެވިއްޖެ ނަމަ، މުޅި ޓީމަށް، ތިމަންނަ އަށް އެ ގޯސް ހެދެނީ،" ސިޔާމު ވިދާޅުވި އެވެ.
ސަން ޓީމްގެ ކޯޗު އައްސަދު އަބުދުލް ޣަނީ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން


ވިމަންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ނުކުންނާނީ ސަން ޓީމާއި ޕޮލިސް ކްލަބެވެ. އެ މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު ހަވީރު 4:25 ގައި ލައިފް ބޯއީ ޓާފް ދަނޑުގަ އެވެ.