އަޔަލެންޑްގައި ކުރިން ޔަތީމުހާނާއެއް ހިންގި ތަނެއްގައި ހުރި ސެޕްޓިކް ޓޭންކެއްގެ ތެރެއިން 796 ތުއްތުކުއްޖެއްގެ ކަށިތައް ފެނިއްޖެ އެވެ.

އެސޯސިއޭޓެޑް ޕްރެސް ބުނީ ސެޕްޓިކް ޓޭންކެއްގެ ތެރެއިން ފެނުނު 796 ތުއްތު ކުއްޖެއްގެ ހަށިތަކަކީ އަޔަލެންޑްގެ ޗާޗުން ހިންގި ޔަތީމު ހާނާއެއްގައި މަރުވި ކުދިންކަން ދިރާސާއަކުން ހާމަވުމުން ޗާޗަށް ފާޑުކިއުންތައް އަމާޒުވެފައިވާ ކަމަށެވެ.

އަޔަލެންޑްގެ ހުޅަނގުގައިވާ ގަލަވޭ ނަމަކަށް ކިޔާ ރަށުގެ ޗާޗްގެ އިސްވެރިން ބުނެފައި ވަނީ ޔަތީމު ހާނާގައި މަރުވި ކުދިން އެތަނުގައި ވަޅުލާފައިވާ ސަބަބެއް ނޭނގޭ ކަމަށެވެ. އަދި އެ ކުދިން ވަޅުލާފައިވާ ތަނުގައި ހުރިހާ ކުދިންގެ ނަންތައް ހިމެނޭ ބޯޑެއް ބަހައްޓަން ކުރާ މަސައްކަތަށް ތާއީދުކުރާ ކަމަށެވެ.

ގަލަވޭގެ ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން 1926 ވަނަ އަހަރުން ފެށިގެން 1961 އަށް ހިންގި އެ ޔަތީމުހާނާގައި އެކި އެކި ބަލިތަކުގައި ގިނަ އަދަދެއްގެ ތުއްތުކުދިންނާއި ކުޑަކުދިން މަރުވެފައިވެ އެވެ. އަޔަލެންޑް ސަރުކާރުން 1944ގައި އެތަން ބަލައި ފާސްކުރި އިރު އެތަނުގައި ތިބި ކުދިންގެ ތެރެއިން 271 ކުއްޖަކާއި ކައިވެނިން ބޭރުން ދަރިން ލިބިފައިވާ މަންމައިންގެ ތެރެއިން 61 މީހަކަށް ކާނާ މަދުވުމުގެ މައްސަލަ ކުރިމަތިވެފައި ތިބިކަން އެނގުނު ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

އެއްވަޅެއްގައި ވަޅުލާފައިވާ ކުދިންގެ ޖަނާޒާ އަލުން ބޭއްވުމާއި އެކުދިންގެ ނަންތަން ލިޔެފައިވާ ބޯޑެއް ބެހެއްޓުމަށް ޓަކައި ޔަތީމު ހާނާ ހިންގި ދީނީ މީހުންނާ ވާހަކަ ދައްކާނެ ކަމަށް ޓުއާމްގެ ޗާޗްގެ އާކް ބިޝޮޕް މިކައިލް ނިއަރީ ވަނީ ބުނެފަ އެވެ.

ގަލަވޭކައުންޓީގައިވާ ޓުއާމް ނަމަކަށް ކިޔާ ރަށުގައި ހިންގި އެ ޔަތީމު ހާނާއަކީ ކައިވެނިން ބޭރުން ދަރިން ހޯދާ އަންހެނުންނާއި އެމީހުންގެ ދަރިން އެކަހެރި ކުރުމަށް ބޭނުންކުރި ތަނެކެވެ. ޒިނޭކުރުމަކީ އަޔަލެންޑްގައި އޭރު ވަރަށް ބޮޑު ފާފައެއްގެ ގޮތުގައި ބެލި ކަމެކެވެ. އެހެންވެ، ޒިނޭގެ ދަރިން ހޯދާ އަންހެނުން ލައްވައި ހިލޭ ސާބަހަށް އަހަރު ދެއަހަރު ވަންދެން މަސައްކަތް ކުރުވުން ފަދަ އަދަބުތައް އޭރު ދެ އެވެ. ތާރީހީ ލިޔެކިއުންތަކުގައިވާ ގޮތުން 20 ވަނަ ގަރުނުގެ ފުރަތަމަ 50 އަހަރު ތެރޭގައި އަޔަލެންޑްގެ ޗާޗްތަކުން ހިންގި ޔަތީމުހާނާ ތަކާއި ވޯކްހައުސް ފަދަ ތަންތަނުގައި މަރުވި، ޒިނޭގެ ދަރިން ލިބިފައިވާ އަންހެނުންނާއި އެމީހުންގެ ދަރިން ވަޅުލާފައި ވަނީ ފާހަގަ ނުކުރާ ކަށްވަޅުތަކެއްގަ އެވެ.