ރާއްޖޭގެ ގިނަ ރަށްތަކަކީ ބޭސްލިބުމުގެ ދަތިކަން ދިމާވެފައިވާ ރަށްތައް ކަމަށާއި، އެކަން ހައްލު ކުރުމަށްޓަކައި ބޭސް ސަޕްލައިކޮށްދޭ އަމިއްލަ ފަރާތްތަކުން ސަރުކާރާއެކު މަސައްކަތް ކުރުމުގެ ދައުރު ވަރަށް ބޮޑު ކަމަށް ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ބޭސް ގެންގުޅުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ ބޭނުމުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރި ދިރާސާގައި ހޯދި ހޯދުންތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ވޯކްޝޮޕް ފެށުމަށް މިއަދު ޝީ ބިލްޑިންގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަކީލާ ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކަކީ ބޭސް ލިބުމުގައި ދަތިކަން ދިމާވެފައިވާ ރަށްތަކަށް ވާއިރު، އެކަން ހައްލުކޮށް ކޮންމެ ރަށަކުން ވެސް ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭކަމަށެވެ.

ބޭސްލިބުމަށް ދަތިވެފައިވާ 56 ރަށަކަށް ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް އެސްޓީއޯ އާއި އެކު ވަރަށް ބާރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޝަކީލާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯގައިވާ ފަދައިން ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެމުން އަންނަ ކަމަށެވެ.

އެ ވޯކްޝޮޕް ފެށުމުގެ ކުރިން މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މި މަހުގެ ދެވަނަ ދުވަހަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ރާއްޖޭގެ ބޭހުގެ ހާލަތު ދެނެގަންނަން ހެދި ދިރާސާގައި، ރާއްޖޭގައި ބޭސް ގެންގުޅޭ ގޮތާއި ރެގިއުލޭޓް ކުރާ ގޮތުގެ އިތުރުން ބޭސް ގުދަން ކުރުމުގައި ހޮސްޕިޓަލް ތަކާއި ބޭސްފިހާރަ ތަކުން ގެންގުޅޭ އުސޫލު ބަލައި ދިރާސާކޮށްފައިވެ އެވެ.