04 Jun 2014, 10:35
އަންނަ އާދީއްތަ ދުވަހު ފަށާ އެސްޓީއޯ ނޫފަހި ވިމަންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ އެންމެ ފަހުގެ ގައުމީ ޗެމްޕިއަން ސަން ހޮޓެލްސް އެންޑް ރިސޯޓްސް (ސަން) ޓީމުގެ ކުޅުންތެރިން ތައާރަފްކޮށް، އެ ކުޅުންތެރިންނާ ޖާޒީ ހަވާލުކޮށްފި އެވެ.
ސަން ޓީމުގައި ހިމެނޭ ކުޅުންތެރިން ތައާރަފުކޮށް، ޖާޒީ ހަވާލުކުރުމަށް އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓްގައި ރޭ ބޭއްވި ހާއްސަ ހަފްލާގައި ސަން ހޮޓެލްސް އެންޑް ރިސޯޓްސްގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ސިޔާމް މުހައްމަދާއި ކުންފުނީގެ އިސް ބައެއް ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ.
ސަން ޓީމު ތައާރަފްކުރި އިރު، އެ ޓީމުގައި ސްކޫލް ދެ ދަރިވަރަކާއި ބިދޭސީ ދެ ކުޅުންތެރިންނާއި ގައުމީ ޓީމަށް ކުރިން ކުޅުނު ކުޅުންތެރިންނާއި މިހާރު ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިން ހިމެނެ އެވެ. ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކީ ޕާކިސްތާނު ގައުމީ ޓީމުގެ ވައިސް ކެޕްޓަން އެވެ. އޭނާ އަކީ ޕާކިސްތާން ޓީމުގެ އެންމެ ހުނަރުވެރި އަދި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. އަދި އެ ޓީމުގައި ހިމެނޭ ސްރީލަންކާގެ ކުޅުންތެރިޔާ އަކީ ވެސް ސްރީލަންކާގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. މިދެކުޅުންތެރީންގެ ވެސް އުމުރަކީ 20 އަހަރެވެ.

ސަން ޓީމުގެ މެނޭޖަރަކީ 2012 ވަނަ އަހަރު އެންމެ ފުރަތަމަ އަންހެން ފުޓުބޯޅައިގެ ގައުމީ ތަށި ސަން ޓީމުން ހޯދި އިރު ވެސް މެނޭޖަރު ކަމުގެ މަގާމުގައި ހުރި އައިޝަތު ރަފިއްޔާ އެވެ. އެސިސްޓެންޓް މެނޭޖަރަކީ ފާތިމަތު ޝަރީފެވެ. އެސިސްޓެންޓް ކޯޗަކީ މުހައްމަދު މައުމޫނެވެ. ކީޕަރު ޓްރެއިނަރަކީ އިބްރާހީމް ސަލީމެވެ. މެޑިކަލް އޮފިސަރަކީ ފާތިމަތު ޝާއިރާ އެވެ. އިތުރު އޮފިޝަލުންގެ ތެރޭގައި ހިމެނެނީ ފާތިމަތު ޔުމްނާ އިބްރާހީމާއި އައްޒަ ހަމީދެވެ.
ސަން ޓީމުގެ ސްކޮޑު އިއްޔެ ތައާރަފްކޮށް ޖާޒީ ހަވާލުކުރި، ކުޅުންތެރިންނަކީ ލުބްނާ ހުސައިން މަނިކް، އައިމިނަތު ނިޝާމާ، ފާތުމަތު ރުކްޝާނާ، އައިޝަތު މުހައްމަދު ލަތީފް، ސޯބިރާ މޫސާ، ފާތިމަތު ޝަބާނާ، ޒުލައިހާ ހަބީބު، އައިމިނަތު ނަޒްރާ، އައިޝަތު ޝެހެނާޒް އިބްރާހިމް، އައިމިނަތު މިލްހާ މުހައްމަދު، އައިމިނަތު ޝާމިލާ، ޒުބާނާ އަލީ އަދި އައިޝަތު އަބްދުލް ރައްޒާގެވެ.
ސްކޮޑުގައި ހިމެނޭ ދެ ދަރިވަރުންނަށް ވެސް ރޭގެ ރަސްމިއްޔާތުގައި ޖާޒީ ހަވާލުކޮށްފައިވާ އިރު، އެ ދެ ކުޅުންތެރިންނަކީ ފާތިމަތު ތާނީ ލަތީފް އަދި ފާތިމަތު ޝައިލާން އަފްޒަލް އެވެ. ސްކޮޑުގައި ހިމެނޭ ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިންނަކީ ނާޝިމާ އިބްރާހިމް (ގޮގީ)، މަރިޔަމް އަހްމަދު (ޖެސީ) އަދި އިޝްރަތު ހަމީދު (އިއްޔަތު) އެވެ.
ސަން ޓީމުގައި ހިމެނޭ މިހާރު ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންނަކީ އައިޝަތު މާހިން (ކޮކީ)، އަރީޝާ ރިޒާ (އަރީ)، ޝައުފާ މަހްމޫދު އަދި ޝާއިގާ ހުސައިން (ޝާއި) އެވެ. ރޭގެ ރަސްމިއްޔާތުގައި ޖާޒީ ހާވަލުކުރި ބިދޭސީ ދެ ކުޅުންތެރިންނަކީ ޕާކިސްތާނުގެ ހަޖްރާ ހާން އަދި ސްރީލަންކާގެ ހަޝިނީ މޮދިޝަނީ އަރިޔަތުނޭ އެވެ.
ސަން ޓީމުގެ ކޯޗަކީ ކުރިން ގައުމީ ފުޓްބޯޅަ ޓީމަށް ލިބުނު ހަމައެކަނި ރަން މެޑެލް ހޯދި ގައުމީ ޓީމުގެ ގޯލްޑް ކެޕްޓަން އައްސަދު އަބްދުލް ޣަނީ އެވެ.
ޓީމުގެ ކުޅުންތެރިން ތައާރަފްކޮށް، ޖާޒީ ހަވާލުކުރުމުގެ އިތުރުން ރޭ ވަނީ އެ ޓީމަށް ހާއްސަކޮށް ނެރުނު ލަވަ ވެސް ލޯންޗްކޮށް، ޖާޒީ ވެސް ދައްކާލައިފަ އެވެ.

ވިމަންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ނުކުންނާނީ ސަން ޓީމާއި ޕޮލިސް ކްލަބެވެ. މި މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު ހަވީރު 4:25 ގައި ލައިފް ބޯއީ ޓާފް ދަނޑުގަ އެވެ.