ރައީސުލްޖުމްހޫރިއްޔާ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ މެންބަރު ކަމުގެ ‏‏މަގާމަށް މާފަންނު ކުރޮޅި އާދަމް ޒާހިރުގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހަށް މިއަދު ‏‏ހުށަހަޅުއްވައިފި އެވެ. ‏

‏ރައީސް އޮފީހުން އިއްޔެ ބުނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިޢުފާ ‏‏ދެއްވުމާ ގުޅިގެން އެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް ބޭފުޅަކު ޢައްޔަނު ކުރެއްވުމަށް ޓަކައި، އާންމުކޮށް އިއުލާނު ކުރެއްވުމުން، އެކަމަށް 19 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ކޮމިޝަނަށް އައްޔަނުކުރާނެ މެންބަރުންގެ ނަންތައް ފޮނުވުމުގައި ޢާންމުކޮށް ‏‏އިއުލާނުކޮށްގެން އެކަމަށް އިޖާބަދޭ މީހުންނާއި، ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ މީހުންގެ ‏‏ތެރެއިން ނަންތައް ހޮވުމުގެ ފުރުޞަތު، ފުލުހުންގެ ޤާނޫނުގެ 22ވަނަ މާއްދާގެ (ރ)ގެ ދަށުން ‏‏އޮންނަ ކަމަށެވެ. އެހެންވެ އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ހޮއްވަވާފައި ވަނީ، އާދަމް ޒާހިރުގެ ނަންފުޅު ކަމަށެވެ.‏

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އިޢުލާނު ‏‏ކުރެއްވުމުން، އެކަމަށް އިޖާބަ ދެއްވި 19 ބޭފުޅުންގެ ނަންފުޅުތައް ވެސް، ރައްޔިތުންގެ މަޖިލީހުގެ ‏‏މަޢުލޫމާތަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮނުއްވާފަ އެވެ.‏