04 Jun 2014, 09:51
ރ. މަޑުއްވަރިއަށް ނިސްބަތްވާ އުމަރު އަބްދުﷲ ލޭ މައްޗަށް ދާތީ ބޭސް ކާން ފެށީ މީގެ 30 އަހަރު ކުރިންނެވެ. މާ ގިނައިން ވިސްނާތީ ލޭ މައްޗަށް ދަނީ އެވެ. ބޭސް ކާން ފެށިއިރު އޭނާގެ އުމުރުން 45 އަހަރެވެ. މިހާރު އުމަރަށް 75 އަހަރު ވެއްޖެ އެވެ. ލޭ މައްޗަށް ދިއުމުގެ އެއްވެސް ކަމެއް އޭނާއަކަށް މިހާރު ކުރިމައްޗެއް ނުވެ އެވެ. އެކަމަކު ބޭސް ގުޅައެއް ނުކައި އެންމެ ދުވަހައެއް ވެސް ކެތެއް ނުކުރެވެ އެވެ. ނުކައިފިއްޔާ ބަލިވާނެއޭ ހިތަށް އަރަނީ އެވެ.
އެހެން މީހެކެވެ. ނަމަކީ މަރިޔަމް އެވެ. މިހާރު އުމުރުން 55 އަހަރުވީ އިރު އޭނާ މަސްއަރު ކަންތަކަށް އަދި ނޭވާ ހާސްވުމާއި ބޮލުގައި ރިއްސުމުގެ ކަންތަކަށް އެތަކެއް ބޭހެއް ކާންޖެހެ އެވެ. ޑޮކްޓަރަށް ނުދައްކައި ހިތްހަމަ ވެސް ނުޖެހެނީ އެވެ. ގިނަ ފަހަރު ޑޮކްޓަރަށް ދެއްކީމަ ދެނީ ވިޓަމިން ގުޅަ އެކެވެ. އައިވީ ވެސް ގުޅަ އެވެ. އެވަރުން ވެސް ބޭސް ގުޅައެއް ނުކައި އެންމެ ދުވަހެއް ވެސް ހޭދައެއް ނުކުރެވެ އެވެ.
އަނެއްކާ ވެސް އެހެން މީހެކެވެ. ބ. އަތޮޅަށް ނިސްބަތްވާ އަމްޖިދާ އަށް ދިމާވާ މައްސަލައަކީ އަބަދު ބޮލުގައި ރިއްސުމެވެ. ކޮންމެ ދުވަހަކު ޕެނެޑޯލް ތިން ގުޅަ މަދުވެގެން ކާންޖެހެ އެވެ. އެހެން ނޫނީ ބޮލުގައި ރިއްސާވަރުން ހަމަ އެއްކަމެއް ކުރެވޭ ވަރެއް ވެސް ނުވެ އެވެ.
އުމަރު އަބްދުﷲ އާއި މަރިޔަމް އަދި އަމްޖިދާގެ ވެސް ގުޅުން ހުރި އެއްކަމަކީ އަބަދު ބޭސް ކާންޖެހުމެވެ. ބޭހަށް ދެވިހިފާފައި އޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެ އެވެ. މިފަދަ އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައ އެބަ އުޅެ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ޑޮކްޓަރުން ބުނާ ގޮތުގައި ބޮޑެތި ބައެއް ބަލިތައް ރާއްޖޭގައި ގިނަ ވަނީ ނުރަނގަޅު ގޮތުގައި ބޭސް ބޭނުން ކުރާތީ އެވެ. އަދި ބޭސްކާ މީހުންނަށް ނޭންގުނު ނަމަވެސް ކޮންމެ ބޭހަކީ ވެސް ނަހަމަ ގޮތުގައި ބޭނުން ކޮށްފި ނަމަ އޭގެ ސައިޑް އެފެކްޓްސް ނުވަތަ އޭގެ ސަބަބުން ނުރަނގަޅު އަސަރުތަކެއް ކުރާނެ ބޭހެކެވެ.
މި ލިޔުމުގައި މި ގެނެސްދެނީ ނުރަނގަޅު ގޮތުގައި ބޭސް ކެއުމާއި އޭގެ ދިމާވާނެ ނުރައްކަލުގެ ވާހަކަ އެވެ. މި ވާހަކަތައް ނޫހާ ހިއްސާ ކުރެއްވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ސީއީއޯ ޑރ. މުހައްމަދު ހަބީބު އަދި އޭޑީކޭގެ ޑރ. މުހައްމަދު ވިޝާމް އެވެ. ޑރ. ވިޝާމްއަކީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ)ގެ އެގްޒެކެޓިވް ކޮމިޓީގެ ވެސް މެންބަރެކެވެ.
ބޭހަށް ދެވިހިފަނީ ކީއްވެގެންހެއްޔެވެ؟ ޕެނެޑޯލް ކަހަލަ އާދައިގެ ކުޑަކުޑަ ބޭހެއް ކޮންމެ ދުވަހަކު ކެއުމަކީ ވެސް މައްސަލައެއް ހެއްޔެވެ؟ ޑރ. ހަބީބް ވިދާޅުވާ ގޮތުގައި އެއީ މައްސަލައެކެވެ. އަދި ކިތަންމެ އާދައިގެ ބޭހެއް ނަމަވެސް ނަހަމަ ގޮތުގައި ގިނަ ދުވަހު ބޭނުންކޮށްފި ނަމަ އޭގެ ނުރައްކާ ވަރަށް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭސް ކާން ފެށީމާ މި ޑިޕެންޑް ވެވެނީ އެޔަށް. ބައެއް މީހުން އުޅޭނެ ބޭސް ކައިގެން ނޫނީ ނުނިދޭ މީހުން ވެސް. އެކަމަކު ހަގީގަތަކީ ކޮންމެ ބޭހަކީ ވެސް އޭގެ ސައިޑް އިފެކްޓްސްތައް ފެންނާނެ ބޭހެއް ހައްދު ފަހަނައަޅައިދާ މިންވަރަށް ބޭނުންކޮށްފިއްޔާ. އެންމެ ގިނައިން މީހުން މި ކަނީ ޕެނެޑޯލް އެހެން ނޫންތޯ؟ ޕެނެޑޯލް އަކީ ވެސް ގިނަ ދުވަހު ބޭނުން ކޮށްފިއްޔާ ލިވާ ނުވަތަ ޗަސް މޭ ހަލާކޮށްލަފާނެ ބޭހެއް."
ގައިގައި ރިއްސާތީ ތަދު ކަނޑު ބޭސް ބޭނުން ކުރަންތޯ އެވެ؟ ކުޅިވަރު ކުޅޭ ބައެއް މީހުންނަށް ތަދުކަނޑުވާ ބޭސް ބޭނުން ކުރުމަކީ ވަރަށް "އާދައިގެ" ކަމެކެވެ. އެކަމަކު ޑރ. ހަބީބް ވިދާޅުވަނީ ތަދުކަނޑުވާ ބައެއް ވައްތަރުތަކުގެ ބޭސް ނަހަމަ ގޮތުގައި ބޭނުން ކޮށްފި ނަމަ ކިޑްނީ ފެއިލްވުން ފަދަ ކަންކަން ވެސް ދިމާވުން އެކަށީގެންވާ ކަމަށެވެ.
"ބްރޫފޯން އަކީ ވެސް ދާދި ފަހަކާ ޖެހެންދެން އާދައިގެ ފިހާރަތަކުގައި ވެސް ވިއްކަން ހުރި ބޭހެއް. ކިރިޔާ ތަދެއްވާ އިރަށް ވެސް ބްރޫފޯން ގުޅައެއް ކާލާ މީހުން އުޅޭނެ. އެކަމަކު ބްރޫފޯން އަކީ ކިޑްނީއަށް ވަރަށް ލޯޑް ބޮޑު ކުރުވާ ބޭހެއް. އަޅުގަނޑު ބައެއް ފަހަރު ހިތަށް އަރާ ރާއްޖޭގައި ކިޑްނީގެ ބަލިތައް މިހާ ގިނައީ މިކަމުގެ ސަބަބުން ނޫންބާވައޭ."
ވިޓަމިންއަކީ ބޭސްތަކަކީ އަޅުގަނޑުމެން ވަރަށް ގިނައިން ކުޑަކުދިންނަށް ވެސް ދޭ އެއްޗެއް އެހެން ނޫންތޯ އެވެ؟ އާންމުކޮށް ހިކިކޮށް ހުންނަ ކުދިންނަށް ވިޓަމިން ދިނުމަކީ މައިންބަފައިން ވެސްކޮށް އުޅޭ ކަމެކެވެ. އެކަމަކު އެމީހުންނަށް ނޭނގޭ ކަމަކީ ވިޓަމިންއަކީ ވެސް ހަށިގަނޑުގައި އެ ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ހުރެއްޖެ ނަމަ ގެއްލުންތަކެއްވާނެ އެއްޗެއް ކަމެވެ.
"ވިޓަމިން އަކީ ވެސް މީހުން ވަރަށް ގިނައިން ބޭނުން ކުރާ އެއްޗެއް. ކޮންމެ ދުވަހަކު ގުޅައެއް ކާ މީހުން ވެސް އުޅޭނެ. އެކަމަކު ވިޓަމިން އޭ، ޑީ، ކޭ އަދި އީ އަކީ ހަށިގަނޑުގައި ސްޓޯ ވާނެ ތަކެތި. ޔޫރިންއާ އެކީ ޕާސް ނުވާނެ މި ވިޓަމިންތައް. މި ވިޓަމިން ހަށިގަނޑުގައި ގިނަވެއްޖެ ނަމަ ކަށީގައި ރިއްސުމާއި ބޮލުގައި ރިއްސުމަކީ އެކަށީގެންވާ ކަމެއް."
އެންޓި ބަޔޮޓިކްސް ނުވަތަ އިންފެކްޝަންތަކާ ދެކޮޅަށް ބޭނުން ކުރާ ބޭސްތަކަކީ ވެސް އާންމުކޮށް އަޅުގަނޑުމެންގެ ތެރޭގައި ޑޮކްޓަރެއްގެ ލަފަޔަކާ ނުލައި ބޭނުން ކުރާ ބޭސްތަކެކެވެ. އަދި މިފަދަ ބޭސްތައް ބޭސް ފިހާރަތަކުން ވެސް ޑޮކްޓަރުގެ ލިޔުމަކާ ނުލައި އާންމުކޮށް ވިއްކައި ހަދަ އެވެ.
"ދެން އެންޓި ބަޔޮޓިކްސް. އެއީ ވެސް ޑޯޒް ހަމަނުކޮށް ނުވަތަ ގިނައިން ކައިފިއްޔާ އޭގެ ގެއްލުން ފެންނާނެ އެއްޗެއް. އެއިރުން ފަހުން ބޭހަކަށް ނުގުޑާނެ."
އެންޓި ޑިޕްރެޝަން ނުވަތަ ހިތްހަމަޖެއްސުމަށް ދޭ ބޭސްތަކަކީ ވެސް އާންމުކޮށް ވަރަށް ގިނަ ބަޔަކު ބޭނުން ކުރާ އެއްޗެކެވެ. ނިދުމުގެ މައްސަލަތަކާއި ހާސްވުމުގެ މައްސަލަތައް ކުރިމަތިވާ ފަރާތްތަކުން މިފަދަ ބޭސްތައް އާންމުކޮށް ބޭނުން ކުރެ އެވެ. އެކަމަކު މިފަދަ ބޭސްތަކަކީ ދެވިހިފަން ފަސޭހަ، އޭގެ ނުރައްކާ ވެސް ބޮޑު ބޭސްތަކެކެވެ.
"ހިތްހަމަޖައްސަންދޭ ބޭސް މިއީ ވެސް ބައެއް މީހުން އަމިއްލަ އަށް ނަގައިގެން ކާ އެއްޗެއް. ނިދާ ގަޑީގައި ބޭސް ނުކައި ނުނިދޭ މީހުން އުޅޭ. ދެން ވާގޮތަކީ ސިކުނޑި ހޭނިފަ މި ހުންނަނީ އެކަމަށް. ނަފްސާނީ ގޮތުން މީހާ އަށް އަސަރުތަކެއް ކޮށްފާނެ ގިނަ ދުވަހު މިފަދަ ބޭސްކާ ނަމަ."
މިހާރު ވެސް އާދައިގެ މަތިން ބޭސް ކާ މީހުންނަށް ބޭސް ކެއުން ހުއްޓާލަން އުނދަގޫވެދާނެ އެވެ. އެކަމަކު ތަދެއްވުމުން ނުވަތަ ހުން އައުމުން ވަގުތުން ބޭސް ގުޅައެއް ކެއުމުގެ ކުރިން ވިސްނާލަން ޖެހޭ ކަންތައްތަކެއް ވެސް ހުރެ އެވެ. ޑރ. ވިޝާމް ވަނީ އެކަންތައްތައް ނޫހާ ވަރަށް ސާފުކޮށް ހިއްސާ ކޮށްދެއްވައިފަ އެވެ.
"އެންމެ އާންމުކޮށް ބޮލުގައި ރިއްސާތީ އެހެން ނޫންތޯ މި ބޭސް ކަނީ. ބޮލުގައި ރިއްސުމަކީ ވެސް ސިގްނަލެއް. ބޮލުގައި ރިއްސަފާނެ ބައިވަރު ސަބަބުތައް ހުރެދާނެ. މިސާލަކަށް ބޮލުގައި ރިއްސަފާނެ ކަންފަތުގެ މައްސަލައެއް ހުރެގެން ވެސް. ލޮލުގެ މައްސަލައެއް ހުރެގެން ވެސް. އެހެންވީމާ އެ ތަދުގެ އަސްލު ބަލަންޖެހޭނެ."
ބުރަކޮށް މަސައްކަތުގައި އުޅޭއިރު ނުވަތަ ގިނަ ވަގުތު ކޮމްޕިއުޓަރު ކައިރި ކިޔަވަން އިނދެއްޖެ ނަމަ ނުވަތަ ކަސްރަތު ކުރަން އުޅޭއިރު ވެސް ގައިގައި ރިއްސުމަކީ ދުރު ކަމެއް ނޫނެވެ. މިފަދަ ކަމެއް ދިމާވާ ކޮންމެ ފަހަރަކު ބޭސް ގުޅައެއް އިހްތިޔާރު ކުރުމުގެ ބަދަލުގައި އެހެން ގޮތެއް އިހްތިޔާރު ކުރުމަށް ޑރ. ވިޝާމް ނަސޭހަތްތެރިވި އެވެ.
"މިސާލަކަށް ކޮންމެވެސް ކަމެއް ދިމާވެގެން ތަނަކަށް ތަދުވީ. އެނދު ބަދަލު ކުރީމަ ވެސް ބައެއް ފަހަރު ގައިގައި ރިއްސާ ގޮތް މެދުވެރިވޭ. އަޅުގަނޑުމެންގެ ހަށިގަނޑުގެ މަސްތަކަކީ އަބަދު ހަލާކުވާ އެއްޗެއް. އެންމެ ކުޑަ މިނުން އަތެއް ލަންބާލިޔަސް މަސްތައް ދާނީ ވީދައިގެން ދަމުން. އެކަމަކު އެހާ އަވަހަށް ހަމަ ހަށިގަނޑު އަމިއްލަ އަށް މަސްތައް ރިޕެއާ ކޮށްލާނެ. އެހެންވީމަ ވަގުތު ދޭންވާނެ ހަށިގަނޑު އަމިއްލަ އަށް ފަސޭހަވާން."
އެހެންވީމާ ބޭސް ނުކައި ހަމަ މަޑު ކުރަންވީތޯ އެވެ؟
"އެއްވެސް ކަމެއްގައި ބޭސް ނެގުމަކީ ރަނގަޅު ކަމެއް ނޫން. އެއީ ކޮންމެ ބޭހެއްގައި ވެސް ސައިޑް އެފެކްޓްސް ހުންނާނެ. އަބަދު ބޮލުގައި ރިއްސާ ނުވަތަ އެފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ ޑޮކްޓަރަށް ދައްކައި އެ މައްސަލަ ދިމާވާ ސަބަބު ދަނެގަންނަންވާނެ. ތަދެއް ކަނޑުވާލައިގެން ނުވާނެ [ބޭސް ކައިގެން]. ކޮންމެ ތަދަކީ ސިގްނަލެއް އެ ސިގްނަލް ވާނެ އެވެލުއޭޓް ކުރަން."
ނިދަން އޮށޯންނަމުން ނުވަތަ ތަނެއްގައި ރިއްސުމުން ބޭސް ގުޅައެއް ކައިލުމަކީ މިކަމުގައި ފަސޭހަ "ހައްލެއް" އިހްތިޔާރު ކުރުމެވެ. އެކަމަކު އެ ހައްލަކީ ތިމާއަށް ދުރު މުސްތަގްބަލުގައި ގެއްލުން ހުރި ގޮތެކެވެ. އަދި ބޭހެއް ނަމަވެސް އެއަށް ދެވި ހިފުމަކީ ރަނގަޅު ގޮތެއް ނޫނެވެ.