ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރު އައިޝަތު ވެލެޒިނީގެ ގަޔަށް ދާދި ދެންމެ ބަޔަކުވަޅި ހަރައިފި އެވެ.


ޖޭއެސްސީ އަށް ރައީސުލްޖުމްހުރިއްޔާ އައްޔަން ކުރައްވާފައި ހުންނެވި، ވެލެޒިނީ ގަޔަށް މީހަކު ނުވަތަ ބަޔަކު ވަޅި ހެރިކަމަށް ވެލެޒިނީ އާއި އައިޖީއެމްއެޗުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.


ނަމަވެސް އޭނާ އަށް ހަމަލާދީފައި ވަނީ ކޮންތަނަކަށް ކަމެއް އަދި ލިބިފައިވާ ވަނީ ކިހާވަރެއްގެ ޒަހަމެއް ކަމެއް އަދި ނޭނގެ އެވެ.


ވެލެޒިނީ ގަޔަށް ވަޅި ހެރިކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.


ސަން އަށް އެނގިފައިވާ ގޮތުގައި އޭނާ އަށް ހަމަލާދީފައި ވަނީ، ޝަހީދު ކުޑަނެވި ތުއްތު މަގުގުން އޭނާ ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ.


ވެލެޒިނީގެ ހާލު ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެންމެ ވަނީ އައިޖީއެމްއެޗަށް ވަޑައިގެންފަ އެވެ.


ރައީސް ދެންމެ ނޫސްވެރިންނާ އައިޖީއެމްއެޗުގައި ބައްދަލުކުރައްވައި ވިދާޅުވީ ވެލެޒިނީ އަށް ދިން ހަމާލާ އަކީ ވަރަށް ފިނޑި ދަށުދަރަޖައިގެ އަމަލެއް ކަމަށާއި އެ މައްސަލަ އެންމެ މަތީ ފެންވަރުގައި ފުލުހުން ތަހުގީގު ކުރާނެ ކަމަށެވެ. 


ރައީސް ވިދާޅުވީ ވެލެޒިނީގެ ދެތިން ތަނަކަށް ވަޅި ހަރާފައިވާ ކަމަށާއި ނަމަވެސް މިއަދު 2:30ގައި އޮފީހަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އަރިހުގައި ވިދާޅުވި ކަމަށެވެ.


އަދި ވިދާޅުވީ ވެލެޒިނީ ޖޭއެސްސީގައި ކުރައްވާ މަސައްކަތަކީ ވަރަށް ގާބިލު ކަމާ އެކު ކުރައްވާ މަސައްކަތެއް ކަމަށެވެ.


ވެލެޒިނީ ގަޔަށް ހަމަލާ ދިނީ، އޭނާ ޖޭއެސްސީގައި ހުންނެވިހާ ދުވަހަކު މި ސަރުކާރަށް އެއްބާރުލެއްވުން ނުދެއްވާނެ ކަމަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ ވިދާޅުވިތާ 24 ގަޑި އިރު ވެސް ނުވަނީހެވެ.


އައިޖީއެމްއެޗުގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު ދެންމެ ވިދާޅުވީ ވެލެޒިނީގެ ހަށިގަނޑުގެ ތިން ތަނަކަށް ވަޅި ހަރާފައިވާ ކަމަށާއި ހަމަލާ ދީފައި ވަނީ ބުރަކައްޓަށް ކަމަށެވެ. ނަމަވެސް އޭނާ އަށް ލިބިފައިވާ ޒަހަމުގެ ތަފުސީލެއް އޭނާ ނުދެއްވި އެވެ.


ޒީނަތު ވިދާޅުވީ އައިޖީއެމްއެޗަށް ވެލެޒިނީ ގެނައީ ފުލުހުން ކަމަށާއި ހޮސްޕިޓަލަށް ރިޕޯޓް ކުރީ ހެނދުނު 10:10ގައި ކަމަށެވެ.


ވެލެޒިނީ އަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގެ އޮބްޒަވޭޝަނުގައި ބާއްވައިގެން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.


ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު ޝިޔާމު ވެސް ދެންމެ ވިދާޅުވީ ވެލެޒިނީގެ ތިން ތަނަކަށް ހަމާލާ ދިން ކަމަށާއި ނަމަވެސް ސީރިއަސް ޒަހަމުތަކެއް ނެތް ކަމަށެވެ.