ގާހިރާ (ޖޫން 4) : މިސްރުގެ ރައްޔިތުންނަށް ފާގަތި ދިރިއުޅުމަކާއި މިނިވަންކަމާއި ކަރާމާތްތެރިކަމާއި އިންސާނިއްޔަތުކަން އެމީހުންނަށް ފޯރުކޮށްދިނުމާ އެކު އިޖްތިމާޢީ އަދާލަތުގެ ފުރިހަމަ ނިޒާމެއް މިސްރުގައި ގާއިމްކޮށްދޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ރިޔާސަތަށް އިންތިޚާބު ވެވަޑައިގެންފައިވާ ސިފައިންގެ ކުރީގެ ވެރިޔާ އަބްދުލްފައްތާޙް އައްސީސީ ރައްޔިތުންނަށް ދެއްވައިފި އެވެ.

މިޔަގީންކަން އޭނާ ދެއްވީ ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއްލާންކުރުމާ އެކު މިސްރުގެ ރޭޑިޔޯއާއި ޓީވީ މެދުވެރިކޮށް ދެއްވި ކުރު ޚިތާބެއްގަ އެވެ. ސީސީ ވިދާޅުވީ މިކަންތައްތައް މިސްރުގެ ރައްޔިތުންނަށް ހާސިލްކޮށްދިނުމުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް އޭނާ ބޭނުންވާ ކަމަށާ ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާކަމުގަ އެވެ.

މިސްރުގެ ރައްޔިތުންނަށް ފާގަތި ދިރިއުޅުމަކާއި މިނިވަންކަމާއި ކަރާމާތްތެރިކަމާއި އިންސާނިއްޔަތުކަން އެމީހުންނަށް ފޯރުކޮށްދިނުމާ އެކު އިޖްތިމާއީ އަދާލަތުގެ ފުރިހަމަ ނިޒާމެއް މިސްރުގައި ގާއިމް ކުރުމަކީ ކުރީގެ ރައީސެއް ކަމަށްވާ ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށް 2011 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ މިސްރުގެ ރައްޔިތުން ގެނައި ރިވޮލިއުޝަންގައި އޭރުގެ އިދިކޮޅު ލީޑަރުން ބޭނުންކުރެއްވި ޝިޢާރެވެ. ނަމަވެސް ސީސީގެ ޚިތާބުގައި ހުސްނީ މުބާރަކްގެ ޚުދުމުޚްތާރު ވެރިކަން ވައްޓާލުމަށް ރައްޔިތުން ވެފައިވާ ގުރްބާނީތަކާއި މުބާރަކުގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން އަމިއްލައަށް ގެނައި ރިވޮލިއުޝަންގެ މައްޗަށް ކުޑަކޮށް ވެސް އިޝާރާތް ކުރައްވާފައެއްނުވެ އެވެ.

މިސްރުގެ ރިޔާސަތަށް ސީސީ އިންތިޚާބު ވެވަޑައިގެންފައި ވަނީ 96.91 އިންސައްތަ ވޯޓުން ކަމަށާއި 23 މިލިޔަން ހަތްލައްކަ އަށްޑިހަ ހާސް ވޯޓު އޭނާއަށް ލިބިވަޑައިގެންފައިވާ ކަމަށް މިސްރުގެ އިންތިޚާބާ ބެހޭ އިދާރާ އިން ނެރުނު ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ ބުނެ އެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައިމީހުން ވެސް ވޯޓުލުމުގައި ބައިވެރިވެފައިނުވާ ކަން ކަމާ ބެހޭ ލިޔެކިޔުންތަކުން ވަނީ ހާމަވެފަ އެވެ. (ރޮއިޓާސް)