ވޯސޯ (ޖޫން 4): ރަޝިޔާގެ އަވަށްޓެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ނޭޓޯގެ މެންބަރު ގައުމުތަކުގެ ދިފާޢީ ބާރުތައް ވަރުގަދަކޮށްދޭނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ރަޝިޔާއާ ސަރަހައްދީ ގޮތުން ގުޅިފައިވާ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގެ ދިފާޢީ ބާރުތައް ވަރުގަދަ ކުރުމަށް ޓަކައި އެއް ބިލިޔަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާކަން ހާމަކުރައްވަމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ ޔޫރަޕްގެ އަމަނާއި ސަލާމަތަކީ އެމެރިކާގެ އަމަނާއި ސަލާމަތްތެރިކަން ފަދައިން އެމެރިކާ ސަމާލުކަންދޭ ކަމެއް ކަމުގަ އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ޔޫރަޕްގެ ތިން ގައުމަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ޕޮލެންޑްގެ ވެރިރަށް ވޯސޯ އަށް ވަޑައިގެން އެގައުމުގެ ރައީސް ބްރުނިސްލާވް ކޮމޯރޮފްސްކީ އާ ބައްދަލުކުރެއްވުމަށް ފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އޮބާމާ ވިދާޅުވީ ނޭޓޯގައި ހިމެނޭ ރަޝިޔާގެ އަވަށްޓެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކަށް ދިފާޢީ ގޮތުން އެހީތެރިވުމަށް އެމެރިކާ ނިންމާފައިވާ ކަމުގަ އެވެ. މިގޮތަށް ނިންމަންޖެހުނީ ޔުކްރޭންގެ މައްސަލާގައި ރަޝިޔާގެ އަމަލުތައް ހުރި ގޮތުން ރަޝިޔާގެ ފަރާތުން އަސްކަރީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްބަލައި އެގައުމުތަކުން އެމެރިކާގެ އަސްކަރީ އެހީއަށް އެދުމާގުޅިގެން ކަމަށް އޮބާމާ ވިދާޅުވި އެވެ.

ނޭޓޯގައި ހިމެނޭ ރަޝިޔާގެ އަވަށްޓެރި ގައުމުތަކުގެ ދިފާޢީ ބާރުތައް ވަރުގަދަކުރުމަށް އެމެރިކާ ރާވާފައިވާ އެއްބިލިޔަން ޑޮލަރުގެ ޕްލޭންގެ ތެރޭގައި އެގައުމުތަކުގެ ސިފައިންގެ ލަޝްކަރުތައް އިތުރަށް ތަމްރީންކޮށްދިނުމާއި ޒަމާނީ ބައެއް ހަތިޔާރު ފޯރުކޮށްދިނުމާއި އަސްކަރީ ވަސީލަތްތައް އަޕްގްރޭޑްކޮށް ދިނުމުގެ އިތުރުން ޖާސޫސީ އެހީތައް ފޯރުކޮށް ދިނުން ހިމެނެ އެވެ.

ޕޮލެންޑުގެ ރައީސް ކޮމޯރޮފްސްކީ ވަނީ ރަޝިޔާ އިން އަސްކަރީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ އެމެރިކާ ސިފައިންގެ ޚާއްސަ ލަޝްކަރެއް އެގައުމުގައި ރުކުރުވާލުމަށް އެމެރިކާ އަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެމެރިކާ ސިފައިންގެ ލަޝްކަރުތައް އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ރުކުރުވާލުމަކީ އާދަޔާ ޚިލާފަށް ޚަރަދު ބޮޑު ކަމަކަށް ވާތީ އެމެރިކާގެ ޕްލޭންގައި މިކަން ހިމެނިފައިނުވާ ކަމަށް އެމެރިކާގެ މަސްއޫލުވެރިން ކުރިން ވިދާޅުވެފައިވެ އެވެ. ނޭޓޯގެ ތަޖްރިބާކާރުން ދާދިފަހުން ނެރުނު ރިޕޯޓެއްގައި، ރަޝިޔާގެ ބާރުގަދަ ލަޝްކަރުތަކާ ކުރިމަތިލައިގެން ކާމިޔާބު ހޯދުމުގެ އަސްކަރީ ގާބިލްކަން ނޭޓޯގެ ކިބާގައި ނެތްކަމަށް ވަރަށް ސާފުކޮށް ބުނެފައިވެ އެވެ.

އޮބާމާ، ޔޫރަޕްގެ ގައުމުތަކަށް ފައްޓަވާފައިވާ މި ދަތުރުފުޅުގައި އިރުމަތީ ޔޫރަޕާއި މެދުތެރޭ ޔޫރަޕްގެ ގައުމުތަކުގެ އިސްވެރިންނާ ވޯސޯގައި މިއަދު ބައްދަލުކުރައްވާނެ އެވެ. މިބައްދަލުކުރެއްވުމުގައި ޔުކްރޭންގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންފައިވާ ބިތްރޯ ބޯޝިންކޯވެސް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އޮބާމާއާއި ބޯޝިންކޯގެ މަޝްވަރާތައް ކުރިޔަށް ދާނީ އެމެރިކާ އިން ޔުކްރޭނަށް ދިނުމަށް ވައުދުވެފައިވާ އިގްތިސާދީ އެހީތައް ހޯދުމާބޭހޭ ގޮތުން ކަމަށްވެ އެވެ.

އޮބާމާ އިއްޔެ ޕޮލެންޑްގެ ވެރިރަށް ވޯސޯއަށް ވަޑައިގެންނެވި އިރު ވެސް ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި އެގައުމުގެ ސިފައިންނާއި ވަކިވެގަތުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ދިޔައީ ވަރުގަދަ އަށް ހަނގުރާމަ ހިނގަމުންނެވެ. މިހަނގުރާމަ އަށް އިޝާރާތް ކުރައްވައި އޮބާމާ ވިދާޅުވީ އެމެރިކާ އިން ރަޝިޔާއާ ކުރިމަތިލައި ރަޝިޔާ އަށް ބިރުދައްކަން ބޭނުންނުވާ ކަމަށާ ނަމަވެސް ރަޝިޔާ އިން ޔުކްރޭންގެ މިނިވަންކަމާއި ސިޔާދަތަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށާ އަދިޔުކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިން ކޮންޓްރޯލް ކުރުމަށް ވެސް ރަޝިޔާ އިން މަސައްކަތްކުރަންވާނެ ކަމުގަ އެވެ. އަދި ޔުކްރޭންގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންފައިވާ ރައީސް ބިތްރޯ ބޯޝިންކޯ އަށް ރަޝިޔާއިން އެއްބާރުލުން ދޭންޖެހޭނެ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.

ދެވަނަ ބޮޑުހަނގުރާމައިގާ ނާޒީ ޖަރުމަނުގެ ވެރިޔާ އެޑޮލްފް ހިޓްލަރުގެ މައްޗަށް ކާމިޔާބު ހޯދި އިއްތިޙާދީ ލަޝްކަރުތަކުގެ ސިފައިން ފަރަންސޭސިވިލާތުގެ ނޯމަންޑީގެ އައްސޭރިފަށަށް ފޭބި ތާރީޚީ ހާދިސާގެ އަހަރީ ދުވަސް (ޑީޑޭ) ފާހަގަ ކުރުމުގެ ގޮތުން އަންނަ ހުކުރު ދުވަހު ފަރަންސޭސިވިލާތުގައި ބާއްވާ ޚާއްސަ އިހްތިފާލްއެއްގައި ވެސް އޮބާމާ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މިއިޙްތިފާލްގައި ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދްގެ އިތުރުން ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންއާއި ޖަރުމަނުވިލާތުގެ ޗާންސެލާ އެންގެލާ މާކެލް އާއި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވެސް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ނޯމަންޑީގެ އިފްތިފާލްތަކުގައި އޮބާމާ އާއި ޕޫޓިން އެކުއެކީގައި ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް ޕޫޓިން އޮބާމާއާ ވަކިން ބައްދަލުނުކުރައްވާނެ ކަމަށް ކްރެމްލިން އިން ބުނެ އެވެ. (ނޫސްއެޖެންސީތައް)