04 Jun 2014, 00:28
ފޯވާޑަށް ކުޅޭ އެންމެ ދެ ކުޅުންތެރިން ހިމަނައިގެން މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ޖަރުމަނުގެ 23 ކުޅުންތެރިންގެ ސްކޮޑް އިއުލާން ކޮއްފި އެވެ.
ޖަރުމަނުގެ ސްކޮޑުން ބާކީވި ފާހަގަ ކޮށްލެވޭ ކުޅުންތެރިއަކީ ހޮފެންހަމްގެ ފޯވާޑް ކެވިން ވޮލަންޑް އެވެ. ސަންޕްޑޮރިއާގެ ޑިފެންޑަރު ޝޮކްދާން މުސްތަފީއަށް ވެސް ފައިނަލް ސްކޮޑުން ޖަގާ ގެއްލުނު އިރު ދެން ފާހަގަ ކޮއްލެވޭ އަނެއް ކުޅުންތެރިއަކީ ބޮރޫޝިޔާ ޑޯޓްމަންޑް ގެ ވާތުބެކް މެކްކެލް ޝުމެލްޒާ އެވެ.
ޖަރުމަނުގެ ކޯޗް ޔަކިމް ލޯގެ ސްކޮޑުން ޖާގަ ގެއްލުނު އެހެން ކުޅުންތެރިންގެ ތެރޭގައި ޝާލްކޭގެ މިޑްފީލްޑަރު މެކްސް މެޔެއަރ، ހެމްބާގްގެ މިޑްފީލްޑަރު މާސެލް ޖޭންސަން، އަދި އަގްސްބާގްގެ އަންދްރޭ ހާން ފާހަގަ ކޮއްލެވެއެވެ.
އަނިޔާގެ ސަބަބުން ބަޔާ ލެވަކޫސަންގެ މިޑްފީލްޑަރު ލަންސް ބެންޑާއަށް ވެސް މިފަހަރުގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ލިބިފައެއް ނުވެއެވެ.
ޖަރުމަނުގެ ފައިނަލް ސްކޮޑަށް ބަލާއިރު އެންމެ ފާހަގަ ކޮށްލެވެނީ، ތަޖުރިބާކާރު ކުޅުންތެރިޔާ މިރޮސްލާވް ކްލޯސާއަށް ޖާގަ ދިންކަމެވެ. އުމުރުން 35 އަހަރުގެ މި ކުޅުންތެރިޔާއާ އެކު ހަމައެކަނި ފޯވާޑް އަކަށް ނަގާފައި ވަނީ ލޫކަސް ޕޮޑޮލްސްކީ އެވެ. ބެލެވޭ ގޮތުގައި ޕޮޑޮލްސްކީ ބޭނުން ކުރާނެކަމަށް ބެލެވެނީ އޮޕްޝަނަލް ސްޓައިރްކަރެއްގެ ގޮެތުގައެވެ.
ޖަރުމަނުގެ ފައިނަލް ސްކޮޑުން ކޮލޯސާއަށް ޖާގަ ދީފައި މިވަނީ ބެލެވޭ ގޮތުގައި ވޯލްޑްކަޕް ގެ ތާރީހުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ރިކޯޑް މުގުރާލުމަށެވެ. މިހާރު އެރެކޯޑް އޮންނީ ވޯލްޑް ކަޕްގައި 19 މެޗް ކުޅެ 14 ގޯލް ޖަހައިގެން ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑޯ އަތުގައެވެ. ދެވަނައިގައި ކްލޯސާ އުޅެނީ 19 މެޗް ކުޅެގެން 14 ގޯލް ޖަހައިންގެންނެވެ. ހަމަ މިއަދަދަށް ޖަރްމަނުގަ ގާޑް މުލާ ވެސް ވަނީ ވޯލްޑްކަޕްގައި ލަނޑު ޖަހައިފައެވެ. އެކަމަކު އެއީ 13 މެޗް ކުޅެގެންނެވެ. މި ދެ ކުޅުންތެރިންނަކީ މިހާތަނައް ޖަރުމަނުގެ ގައުމީ ޓީމަށް 68 ގޯލް ޖަހައިގެން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހިއްސާކުރާ ދެ ކުޅުންތެރިންނެވެ. މިފަހަރުގެ ވޯލްޑްކަޕް ވެގެންދާނީ މި ރެކޯޑް ވެސް މުގުރާލަން ކްލޯސާއަށް ލިބޭ ފުރުސަތަކަށެވެ.
ޖަރުމަނު ކޯޗު މިއަދު ބުނީ މިސީޒަނުގައި ސެރިއާގެ ލާޒިޔޯ އަށް 22 ލަނޑު ޖަހައިދިން ކްލޯސާ އަކީ ވޯލްޑް ކަޕްގައި ބައިވެރިވާ އެހެން ޓީމް ތަކައް ހުރި ނުރައްކަލަކަށް ވެގެން ދާނެކަމަށެވެ. ވޯލްޑްކަޕްގެ އެންމެ ގިނަ ގޯލް ޖަހައިފައި ވާ ބްރެޒިލް ގެ ރޮނާލްޑޯ ބުނިގޮތުގައި އެންމެ ގިނައިން ލަނޑު ޖެހުމުގެ އެ ރެކޯޑް ދިގުދެމިގެން ދާން އޭނާ ބެނުން ވެއެވެ.
" އަހަރެން ވަރަށް ފަހުރުވެރިވޭ އެ ރެކޯޑާ ދޭތެރޭ. އެކަމަކު އިނގޭ ކޮންމެ ވެސް ދުވަހަކުން ރިކޯޑް މުގުރާނެކަން،" 2002 ވަަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ޖަރުމަނު ކޮޅަށް ދެ ލަނޑު ޖެހި ފޯވާޑް ބުންޏެވެ.
ތިންފަހަރު ވޯލްޑް ކަޕް ޗެންޕިއަން ކަން ހޯދާފައި ވާ ޖަރުމަނުން އެންމެ ފަހުން ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި ވަނީ 1990 ވަނަ އަހަރު ހުޅަނގު ޖަރުމަނުގެ ނަމުގައެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނު ހިމެނެނީ ޕޯޗުގަލް އާއި އެމެރިކާ އާއި ގާނާ އާ އެކު ގުރޫޕް ޖީ ގައެވެ.