03 Jun 2014, 22:13
އަނިޔާގައި ހުރުމުގެ ސަބަބުން ކޮލަމްބިޔާގެ ފޯވާޑް ރަޑަމެލް ފަލްކާއޯއަށް މިފަހަރުގެ ވޯލްޑްކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލިޖެ އެވެ. އެކަން ހާމަކުރީ އާޖެންޓިނާގެ ބިއުނަސް އައިރީސްގައި ބޭއްވި ޕްރެސް ކޮންފްރެންސްގައި އެޓީމްގެ ކޯޗް ޖޮސޭ ޕެކަމަން އެވެ.
ފަލްކާއޯ އަކީ ކޮލަމްބިއާ ވޯލްޑްކަޕަށް ކޮލިފައި ކޮއްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ އެވެ. އޭނާއަށް އަނިޔާވެފަ ވަނީ މި އަހަރުގެ ޖެނުއަރީގައި އޭނާ ކުޅުމެންދާ ފްރާންގެ ކްލަބު މޮނާކޯއަށް ކުޅެނިކޮށެވެ.
ފަލްކާއޯގެ އަނިޔާއާ ގުޅިގެން މިދިޔަ ހަފްތާގައި ވެސް ކޮލަމްބިޔާގެ ކޯޗް ޕެކަމަން ބުނެފައި ވަނީ އެންމެ ފަހުވަގުތާ ހަމައަށް ވެސް ފަލްކާއޯގެ ފިޓްނަސް ރަނގަޅުކުރުމައްޓަކައި މެޑިކަލް ޓީމް މަސަކަތް ކުރަމުން ދާކަމަށެވެ.
"ވޯލްޑްކަޕްގައި ކޮލަމްބިޔާ ޓީމުން ބައިވެރިވާ ހުރިހާ ކުޅުންތެރިންނައް ކާމިޔާބަށް އެދެން. އަހަރެންގެ ހަށިގަނޑަށް ބަލާފައި ހީވެދާނެ ރަނގަޅުހެން. އެކަމަކު މި ލެވެލްގައި ކުޅެން އަހަންނަށް ވަގުތު ބޭނުންވޭ. އަހަރެން ބޭނުމެއް ނޫން 100 ޕަސްޓެން ފިޓް ކުޅުންތެރިންނަށް ފުރުސަތު ގެއްލޭކަށް. އެހެންވެ އަހަރެން ފުރުސަތު ދޫކޮެއްލީ،" ފެންކަޅިވެފައި ހުރެގެން ނޫސްވެރިންނާ ވާހަކަ ދައްކަމުން ފަލްކާއޯ ކިޔައިދިނެވެ.
ޕެކަމަން ބުނީ ކޮލަމްބިޔާގެ ކޯޗްކަމާ ހަވާލުވީ ފަހުން މިއީ އެންމެ ދެރަވި ދުސް ކަމަށާއި ފަލްކާއޯ ޓީމުގައި ނުހިމަނަން ނިންމުން އެއީ އޭނާއަށް ކުރިމަތިވި އުނދަގޫ ނިންމުމެއް ކަމަށެވެ.
"މިހާ ހިސާބަށް ޓީމު ގެނެސް ދިނުމަގައި ފަލްކާއޯގެ ދައުރު ބޮޑު. އެންމެ ފަހުވަގުތާ ޖެހެންދެން ވެސް އުންމީދު ކުރިން އޭނާ ފިޓްވާނެ ކަމަށް،" 23 ކުޅުންތެރިން އިއުލާން ކުރުމަށް ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކޮލަންބީޔާ ކޯޗް ބުންޏެވެ.
ކޮލަމްބިއާގެ 23 ކުޅުންތެރިންގެ ސޮކްޑުން ޖާގަ ގެއްލުންނު ކުޅުންތެރިންގެ ތެރޭގައި ލުއިސް ޕެރޭރާ އާއި ލުއިސް މުރެއެލް ފާހަގަ ކޮއްލެވެ އެވެ. ކޮލަމްބިޔާ ހިމެނެނީ ގްރީސް، އަވަރީކޯސްޓް އަދި ޖަޕާނާ އެކު ގުރޫޕް ސީގައެވެ.