ދިމިޝްގު (ޖޫން 3): ސޫރިޔާގައި ރިޔާސީ އިންތިޚާބު މިއަދު ހެނދުނުން ފެށިގެން ކުރިޔަށް އެބަދެއެވެ. އިންތިޚާބު ކުރިޔަ ށްދަނީ ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި ވާ ސަރަހައްދުތަކުގައެވެ.

ރައީސް ބައްޝާރުލް އަސަދުގެ އިތުރުން މިއިންތިޚާބުގައި ދެ ކެންޑިޑޭޓުން ވާދަކުރެއްވި ނަމަވެސް މިއީ ޑިމޮކްރެޓިކް ހަމަތަކަށް ފެތޭ މިނިވަން މުސްތަގިއްލު އިންތިޚާބަކަށް ނުވާތީ ވަރަށްބޮޑު އަޣްލަބިއްޔަތަކުން މިއިންތިޚާބު ކާމިޔާބު ކުރައްވާނީ ބައްޝާރުކަމަށް ވަނީ ބެލެވިފައެވެ.

ސޫރިޔާގެ އިންތިޚާބުގައި ވޯޓުލުމަށް ބަޔަކު ކިޔުގައި ---- ސަން ފޮޓޯ: އޭޕީ

ރިޔާސީ އިންތިޚާބަށްޓަކައި ސޫރިޔާގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށްބޮޑަށް ވަރުގަދަކޮށްފައެވެ. ޚާއްސަކޮށް ވެރިރަށް ދިމިޝްގުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް އާދަޔާ ޚިލާފަށް ވަރުގަދަކޮށްފައެވެ.

ސޫރިޔާގައި ރިޔާސީ އިންތިޚާބު މި ބޭއްވެނީ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ އާއިލީ ވެރިކަމުގެ ނިޒާމާ ދެކޮޅަށް އެގައުމުގެ ރައްޔިތުންގެ ބަޔަކު ނުކުތުމުން އެމީހުންނާ ދެކޮޅަށް ބައްޝާރުގެ ސަރުކާރުން ބާރުގެ ބޭނުންކުރަން ފެށުމާއެކު އެ ކުރިމަތިލުންތައް ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައަކަށް ބަދަލުވެ ސޫރިޔާގެ ރައްތަކާއި ވިލެޖްތަކުގެ ބޮޑުބައި މުޅިން ހަލާކުވެ ވީރާނާވެފައި ވާ ދަނޑިވަޅެއްގައެވެ.
ސޫރިޔާގެ އިންތިޚާބުގައި މީހަކު ވޯޓުލަނީ ---- ސަން ފޮޓޯ: އޭޕީ

މީގެއިތުރުން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ދެ ލައްކައެއްހާ މީހުން މަރުވެ މިލިޔަނެއްހާ މީހުން ޒަޚަމްވެފައި ވާ އިރު އަތްފައި ބުރިވުމުގެ ސަބަބުން ނުކުޅެދޭ ހާލަތަށް ގޮސްފައިވާ މީހުންގެ އަދަދާއި ހަނގުރާމައިގާ މައިން ބަފައިން މަރުވެފައިވުމުގެ ސަބަބުން ޔަތީމް ވެފައިވާ ކުޑަކުދިންގެ އަދަދު ވެސް ލައްކައިން ގުނާލެވޭކަމަށް ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް ބުނެއެވެ. އަދި ސޫރިޔާގެ ދެ މިލިޔަން މީހުންގެ އާބާދީގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން ވަނީ ދާޚިލީ ހަނގުރާމައިގެ ސަބަބުން ގެދޮރުގެއްލި ރެފިއުޖީންނަށް ވެފައެވެ. ސޫރިޔާގެ އިންތިޚާބާ ބެހޭ އިދާރާ ބުނާގޮތުން އެ ގައުމުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 15.8 މިލިޔަން މީހުން އެބަތިއްބެވެ.

ވޯޓުލުމަށްޓަކައި 9601 މަރުކަޒު ގާއިމްކޮށްފައި ވާއިރު މިހުރިހާ މަރުކަޒުތަކެއް ވެސް ވަނީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކުގައެވެ.
ސޫރިޔާގެ އިންތިޚާބުގައި މީހަކު ވޯޓުލަނީ ---- ސަން ފޮޓޯ: އޭޕީ

ސޫރިޔާގެ ރިޔާސީ އިންތިޚާބާ ބެހޭގޮތުން އދ. ން ބުނެފައި ވަނީ މި އިންތިޚާބުގައި ރައީސް ބައްޝާރު ވާދަކުރެއްވުމަށް ނިންމެވުމުގެ ސަބަބުން ސޫރިޔާގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ ހުރިހާ އުންމީދުތަކެއް ގެއްލިގެން ގޮސްފައިވާ ކަމުގައެވެ. ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުގެ ތެރޭން އެމެރިކާ ގެ ޚާރިޖީ ވަޒީރު ވިދާޅުވެފައި ވަނީ ސޫރިޔާގެ ރިޔާސީ އިންތިޚާބަކީ އޮޅުވާލުމާއި މަކަރުހެދުމުގެ ކުޅިގަނޑެއް ކަމުގައެވެ.

ފަރަންސޭސި ރައީސް ވިދާޅުވެފައި ވަނީ މިއީ މާކުރިންވެސް ނަތީޖާ އިޢްލާންކޮށްފައިވާ އިންތިޚާބެއް ކަމުގައެވެ. އިނގިރޭސި ބޮޑުވަޒީރު ވިދާޅުވެފައި ވަނީ މިއީ އެއްވެސް އަގެއް އަދި ބުރަދަނެއް ހުރި އިންތިޚާބެއް ނޫންކަމުގައެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމަ ގަތުލުއާންމަކަށް ބަދަލުވެގެން ދިޔުމުގެ އެންމެ ފުރަތަމަ ޒިންމާ އުފުއްލަވަން ޖެހޭނީ ރައީސް ބައްޝާރު ކަމަށް ގިނަބަޔަކު ދެކޭ ނަމަވެސް އަނިޔާވެރިކަމާއި މީހުން މެރުމުގެ ލާއިންސާނީ އަމަލުތައް ހިންގުމުގައި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ދައުރުވެސް މިހާރު ކުޑަނޫންކަމަށް ގިނަބަޔަކު ދެކެއެވެ. އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައިވެސް ލާދީނީ ފިކުރުގެ ޖަމާއަތްތަކާއި ހައްދުފަހަނަޅާފައިވާ ތަކްފީރީ ފިކުރަށް ނިސްބަތްވާ ޖަމާއަތްތައް ތިބުމުގެ ސަބަބުން އިދިކޮޅު ހަނގުރާމަވެރިން ވަނީ ރޫޅި ބައިބައި ވެފައެވެ.
ސޫރިޔާގެ އިންތިޚާބުގައި މީހަކު ވޯޓުލަނީ ---- ސަން ފޮޓޯ: އޭޕީ

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ އެއްބަޔަކު އަނެއްބަޔަކާ ދެމެދުވެސް ދަނީ ވަރުގަދައަށް ހަނގުރާމަ ހިނގަމުންނެވެ. މީގެތެރޭގައި "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ޝާމް" ޖަމާއަތުގެ ފިކުރަށް ނިސްބަތްވާ ހަނގުރާމަވެރިންނާއި އަލްގާއިދާގެ ފިކުރަށް ނިސްބަތްވާ އައްނުސްރާ ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ކަތިލުންތައް ހިމެނެއެވެ.

މިދެޖަމާއަތުގެ ހަނގުރާމަވެރިންނަކީ އެއްބަޔަކު އަނެއްބައެއްގެ އަތްދަށުގައި ޖެހިއްޖެނަމަ ދިރިތިއްބާ އެބައެއްގެ ބޯ ބުރިކުރަމުން ގެންދާބައެއް ކަމަށް ވެއެވެ. މިގޮތުން މިދެ ޖަމާއަތުގެ ހަނގުރާމަވެރިންނަކީ ވެސް ރައީސް ބައްޝާރުލް އަސަދު ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ޝައްބީޙާ ހަނގުރާމަވެރިންނާ އެއްވަރުގެ އަނިޔާވެރި ބައެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ސޫރިޔާގެ އިންތިޚާބުގައި ބަޔަކު ވޯޓުލަނީ ---- ސަން ފޮޓޯ: އޭޕީ

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ހުޅަގަނޑު ރޯވުމުގައި ރައީސް ބައްޝާރުލް އަސަދުގެ ދައުރު ބޮޑު ނަމަވެސް ބޭރުގެ ފަރާތްތަކުން މަދަދު ލިބޭ ހަނގުރާމަވެރިންގެ ދައުރުވެސް މިކަމުގައި ކުޑައެއްނޫނެވެ. އަނެއްކޮޅުން ބައްޝާރުގެ ވެރިކަން ވެއްޓި އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށަށް ސޫރިޔާ ގޮސްފިނަމަ އެގައުމު ހާލަތު މިހާރަށްވުރެވެސް ގޯސްވާނެ ކަމަށާ ސޫރިޔާގައި ހިނގަމުންދަނީ ސީޔާސީ އަމިއްލަ އެދުމާއި މަޛްހަބީ ތައައްސުބުގެ ހަނގުރާމައެއް ކަމަށާއި މި ހަނގުރާމައިގައި ސޫރިޔާގެ ރައްޔިތުންނަށް ރަހުމާއި ހަމްދަރްދީގެ އެއްވެސް ކަންފުޅެއް ނެތްކަމަށް މުޙައްލިލުން ބުނެއެވެ.

އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށަށް ސޫރިޔާ ގޮސްފިނަމަ ބަދަލުހިފުމުގެ ބިރު އިތުރަށް ބޮޑުވެ ސޫރިޔާގެ ދައުލަތް މުޅިން ރޫޅި ބައިބައިވެގެން ދާނެ ކަމަށާއި ބައްޝާރުގެ ވެރިކަން ދެމިއޮތުމުން ސޫރިޔާ ނުރޫޅި ދައުލަތެއްގެ ގޮތުން ދެމިއޮތުމުގެ ފުރްސަތު އޮންނާނެ ކަމަށް މުހައްލިލުން ދެކެއެވެ. (ނޫސްއެޖެންސީތައް)
ސޫރިޔާގައި ދިން ބޮމުގެ ހަމަލާއެއްގައި މަރުވެފައިވާ އަންހެން ކުއްޖަކު ނަގައިގެން މީހަކު ދަނީ ---- ސަން ފޮޓޯ: އޭޕީ