03 Jun 2014, 20:28
ރާއްޖެއިން ބޭރަށް ދާން ޑޮލަރު ގަންނަ ފަރާތްތަކަށް ހިދުމަތް ދިނުމަށް މާދަމާއިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މައި އިދާރާގެ ތިން ވަނަ ފަންގިފިލާ ހާއްސަކުރުމަށް އެ ބޭންކުން ނިންމައިފި އެވެ.
މީޑިއާ އަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ މާކެޓިން ޑިރެކްޓަރު ރިފްއަތު މުހައްމަދު ވިދާޅުވީ، ބީއެމްއެލްއިން އަބަދުވެސް މަސައްކަތް ކުރާނީ އާންމުންނަށް ފަސޭހަ ވާގޮތަށް ހިދުމަތް ދިނުމަށް ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން އެ ބޭންކުގެ މައި އިދާރާގެ ތިންވަނަ ފަންގިފިލާގައި، ބޭރަށް ދާން ޑޮލަރުގަންނަ ފަރާތްތަކަށް ހާއްސަކޮށް ހިދުމަތް ދެމުން ގެންދާނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.
ބީއެމްއެލްގެ ތިންވަނަ ފަންގިފިލާ، ބޭރަށް ދާން ޑޮލަރު ގަންނަ ފަރާތްތަކަށް ހާއްސަ ކުރެވުމުން މާދަމާއިން ފެށިގެން ބަންދު ދުވަސްތަށް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:00 އާއި ހަމައަށް ހިދުމަތް ލިބޭނެ ކަމަށާއި ޑޮލަރު ވިއްކާނީ ޓިކެޓާއެކު ޕާސްޕޯޓް ނުވަތަ އައިޑީކާޑު ދެއްކުމުން ކަމަށް ރިއްފަތު ވިދާޅުވި އެވެ. އަދި ޑޮލަރު ވިއްކުމުގައި ވަކި ލިމިޓެއް ކަނޑައެޅިފައި ވާ ކަމަށާއި އެގޮތުން ކޮންމެ ކަސްޓަމަރަކަށް ވެސް ވިއްކާނީ ގިނަވެގެން 500 ޑޮލަރު ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.
މާދަމާއިން ފެށިގެން، ބޭރަށް ދާން ޑޮލަރު ގަންނަ ފަރާތްތަކަށް ބީއެމްއެލްގެ ތިންވަނަ ފަންގިފިލާ ހާއްސަ ކުރި ނަމަވެސް އެހެނިހެން ބޭނުންތަކަށް ޑޮލަރު ގަންނަ ފަރާތްތަކަށް ބީއެމްއެލްގެ އެހެން ބްރާންޗް ތަކުގައި ކުރިއެކޭ އެއްގޮތަށް ޑޮލަރު ވިއްކަން ހަމަޖެިފައި ވާ ކަމަށް ރިފްއަތު ވިދާޅުވި އެވެ.
އާންމުންނަށް ޑޮލަރު ހޯދުމަށް ފަސޭހަ މަގެއް ތަނަވަސް ކޮށްދިނުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ބޭންކްތަކަށް ޑޮލަރު ވިއްކާ އަދަދު އިތުރުކޮށްފައެވެ.