ސަރުކާރުގެ ސިއްހީ ސިޔާސަތު ތަންފީޒު ކުރުމުގައި ހެލްތު މިނިސްޓަރު މަރިޔަމް ޝަކީލާ އިހުމާލު ވެފައިވާ ކަމަށް ބުނެ، އެކަމަނާއަށް ފުވައްމުލަކު ބައެއް ކައުންސިލަރުން ފާޑުވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ކައުންސިލްތަކުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ހަ ކައުންސިލަރުން މާލެ ސިޓީ ކައުންސިލުގެ ހޯލުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި، ޏ. އަތޮޅު ކައުންސިލަރު ހުސައިން ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ސިއްހީ ސިޔާސަތަކީ ރަނގަޅު ސިޔާސަތެއް ކަމަށެވެ. ނަމަވެސް އެ ސިޔާސަތަށް ހެލްތު މިނިސްޓަރު އިހުމާލުވެފައިވާ ކަމަށެވެ.

"ކުރިން ހީކުރީ ސަރުކާރުގެ ސިއްހީ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ހެލްތު މިނިސްޓަރަށް ދޭންޖެހޭ އެއްބާރުލުން ފުވައްމުލަކު ހޮސްޕިޓަލުން ނުދެނީ ކަމަށް. މިހާލަތަށް ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގެ ކަންތައްތައް ދިއުމުން އިނގެނީ، ރައީސް ޔާމީންގެ ހެލްތު ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ހެލްތު މިނިސްޓަރު ޝަކީލާ އިހުމާލުވެފައިވާ ކަން. އިންކާރު ކުރައްވާކަން،" ސައީދު ވިދާޅުވި އެވެ.

ފުވައްމުލަކަށް ހެލްތު މިނިސްޓަރު މިދިޔަ މަހުގެ ތެރޭގައި ކުރެއްވި ދަތުރުފުޅަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، އެ ދަތުރުފުޅުގައި ވެސް ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތަކުގެ މައުލޫމާތު މިނިސްޓަރާއި ހިއްސާކުރެއްވި ކަމަށެވެ.

"ރައްދު ދެއްވަމުން އެކަމަނާ ވިދާޅުވީ ތިމަން ކަމަނާއަށް ވަރަށް ރަނގަޅަށް އިނގޭ ފުވައްމުލަކު ހޮސްޕިޓަލުގެ ހާލަތު. ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ފުވައްމުލަކުގެ މެނޭޖަރުގެ ކައިރިން އަހާލުމުން ވިދާޅުވިއޭ ފުވައްމުލަކު ހޮސްޕިޓަލަކީ ސަރަހައްދީ ގޮތުން އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަށްވެފައި ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް ކަމަށް،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖްމަންޓުން ވެސް ހޮސްޕިޓަލުގެ ކަންތައްތަކުގައި އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖްމަންޓާއި ބައްދަލުކުރެއްވި ކަމަށާއި ނަމަވެސް އެކަމުން ވެސް މެނޭޖްމަންޓުގެ އެއްބާރުލުމެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން ހޮސްޕިޓަލުގެ ޑޮކްޓާރުންނާއި ބައްދަލުކޮށް މައުލޫމާތު ހޯދާފައި ވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި ވެސް ޑޮކްޓަރުންނަށް ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ ފަރާތުން އަޅާލުމާއި އެއްބާރުލުން ނުލިބޭ ކަމަށް އެނގިފައި ވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

"ފުވައްމުލަކު ސިއްހީ ހިދުމަތް ރަނގަޅުކުރުމަށް ޑޮކްޓަރުން އިސްނަގައިގެން މަސައްކަތްތަކެއް ކުރަން ފެއްޓުމުން ފުވައްމުލަކު ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު، ޑޮކްޓަރުންނަށް ބިރުދައްކައި ހޮސްޕިޓަލާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ބުނެފައިވޭ. އަދި ޑޮކްޓަރުން ލައްވައި އިތުރު ގަޑީގައި މަސައްކަތް ކުރުމަށް ފަހު އިތުރުގަޑީގެ ފައިސާ ކަނޑާފައި މުސާރަ ދީފައިވާ ކަމަށް ބުނެފައިވޭ،" ޑޮކްޓަރުންގެ ބައްދަލުވުމުގައި ޑޮކްޓަރުން ހިއްސާކުރި ބައެއް ވާހަކަތައް މީޑިއާ އަށް ހިއްސާކުރަމުން އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް އިމަޖެންސީ ހާލަތުގައި ބޭނުންކުރަން ޖެހޭ ޑްރަގްސް އާއި ލެބޯޓަރީގައި ބޭނުންކުރަން ޖެހޭ ކެމިކަލް ނެތިގެން ދެންނެވުމުން "ހުރި އެއްޗަކުން ފުއްދާލައިގެން ތިކަންތައް ކުރާށޭ" ބުނެފައިވާ ކަމަށްވެސް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ފެންވަރު މިހާރު، ސިއްހީ މަރުކަޒެއްގެ ފެންވަރަށްވުރެ ވެސް ދަށަށް ގޮސްފައި ވާ ކަމަށް ފާހަގަކުރައްވައި ފުވައްމުލަކު ކައުންސިލަރުން ވިދާޅުވެފައި ވަނީ އެތަނުގައި ބައެއް ހާއްސަ ޑޮކްޓަރުން ނެތި ހަ މަސް ނުވަތަ އެއް އަހަރު ދުވަސް ވެފައިވާ އިރު، ބައެއް އާލާތްތައް ވެސް ނުލިބޭތާ އެތަށް ދުވަހެއް ވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލަށް ކޮންމެހެން ބޭނުންވާ މެޝިން ފަދަ ތަކެތި، އަތޮޅު ކައުންސިލުންނާއި ކައުންސިލްތައް ގުޅިގެން ހޯދައިދީފައި ވާ އިރު އެ އެއްޗެހީގެ ބޭނުން އަދިވެސް ނުކުރާ ކަމަށާއި ޓެލެ މެޑިސިންގެ ހިދުމަތް އަދި ވެސް ނުފަށާ ކަމަށް ފާހަގަކުރައްވާފައި ވެއެވެ.