ބެންކޮކް (ޖޫން 3): ތައިލެންޑަށް ކުރިމަތި ވެދާނެ ކާރިސާއަކުން އެގައުމުގެ އިގްތިސާދު ސަލާމަތް ކުރުމުގެ ގޮތުން ކުއްލި ފިޔަވަޅުތަކެއް އެޅުމަށް ނިންމިކަން އެގައުމުގައި ވެރިކަންކުރާ އަސްކަރީ މަޖިލީހުން ހާމަކޮށްފި އެވެ.

އަސްކަރީ މަޖިލީހުގެ ވެރިޔާ އަދި ތައި ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ޕްރަޔުތު ޗާން އޮޗާ ވިދާޅުވީ އެ ފިޔަވަޅުތައް އަމާޒު ކުރާނީ ގައުމުގައި ހަމަޖެހުން ގާއިމް ކުރުމަށާއި މަނިޓަރީ ޕޮލިސީތައް ހަރުދަނާ ކުރުމާއި ބަޖެޓް ކޮންޓްރޯލް ކުރުމުގެ އިތުރުން އިންވެސްޓަރުންގެ އިތުބާރު ހޯދުމުގެ މައްޗަށް ކަމުގައެވެ.

އަސްކަރީ މަޖިލީހުން ތައިލެންޑްގެ އިގްތިސާދީ ކަންކަން ރާވައި އިސްލާހީ ފިޔަވަޅުތައް އެޅުމަކީ އެގައުމުގެ ވެރިކަމުގައި ދިގުމުއްދަތަކަށް ސިފައިން ތިބޭނެ ކަމުގެ އިޝާރާތެއް ކަމަށް މުރާސިލުން ދެކެއެވެ. ފާއިތުވި އަށެއްކަ އަހަރު ތެރޭގައި ތައިލެންޑް ވަނީ ސިޔާސީ ގަޑުބަޑުތަކެއްގެ ތެރެއަށް ވެއްޓިފައެވެ. މިކަމާގުޅިގެން މި މުއްދަތުގެ ތެރޭގައި އެގައުމަށް ދެފަހަރެއްގެ މަތިން އަސްކަރީ އިންގިލާބު ގެނެސް ސިފައިން ވެރިކަމާ ހަވާލުވެފައި ވެއެވެ.

ތައިލެންޑްގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ކޯޅުންތައް ބޮޑުވެގެން ދިޔުމާއެކު އެކަމުގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރަންފަށާފައިވާތީ ތައި ސިފައިން މިދިޔަ މޭމަހުގެ 22 ވަނަ ދުވަހު ވަނީ އެގައުމުގެ މަދަނީ ވެރިކަން އަނެއްކާ ވެސް ވައްޓާލުމަށްފަހު އަސްކަރީ ވެރިކަމެއް ގާއިމްކޮށްފައެވެ. އަސްކަރީ އިންގިލާބާއެކު ތައި ސިފައިން ވަނީ ސިޔާސީ އެއްވުންތައް ބޭއްވުން މަނާކޮށް ވެރިރަށް ބެންކޮކްގެ ކަންކޮޅުތަކަށް ސަލާމަތީ ބާރުތައް ނެރެ އަމަން އަމާންކަން ގާއިމްކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށައިފައެވެ.

ތައިލެންޑްގައި މިހާރު ވެރިކަންކުރާ އަސްކަރީ މަޖިލީހުގެ ރައީސަކީ ތައި ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ބްރަޔޯން ޗާން އޮޗާ އެވެ. އޭނާވަނީ ދަސްތޫރަށް އަމަލުކުރުން ހުއްޓާލުމަށްފަހު ބޮޑުވަޒީރު ކަމުގެ މަގާމަށް އިސްވެ ވަޑައިގެންފައެވެ.

އާބާދީގައި 67 މިލިޔަން މީހުން ދިރިއުޅޭ ތައިލެންޑަކީ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދެވެ. ތައި އިގްތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ދަނޑުވެރިކަމާއި ޓޫރިޒަމާއި ގާމެންޓްސް އާއި އޮޓޯމޯބައިލް އިންޑަސްޓްރީގެ މައްޗަށެވެ. މީގެއިތުރުން ބައިނަލްއަގްވާމީ ފެންވަރުގައި މާލީ ޚިދްމަތްތައް ފޯރުކޮށް ދިނުމަކީ ވެސް ތައި އިގްތިސާދުގައި ފާހަގަކޮށްލެވޭ ބައެކެވެ.

ތައިލެންޑްގެ ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަމުގެ މިންވަރަކީ 366 ބިލިޔަން އެމެރިކާ ޑޮލަރެވެ. ގައުމީ އާމްދަނީން ތައިލެންޑްގެ ރައްޔިތެއްގެ ބޮލަށް އަހަރަކު 5390 ޑޮލަރު ޖެހެއެވެ. ތައި އިގްތިސާދު މިދިޔަ އަހަރު ކުރިއަރަމުން ގޮސްފައިވަނީ 2.9 ގެ ރޭޓެއްގައެވެ. (ނޫސްއެޖެންސީތައް)