03 Jan 2011, 04:24
އީރާނުގެ ސަރަޙައްދަށް ވަދެގެން އުޅުނު ހުޅަނގުގެ ޖާސޫސީ ދެ މަތިންދާބޯޓު ވައްޓާލެވިއްޖެ ކަމަށް އީރާން ބުނެފިއެވެ.
އީރާނުގެ އިންޤިލާބީ ލަޝްކަރުތަކުން ބުނިގޮތުގައި މިއީ އީރާނާއި ޢިރާޤުގައި ހުޅަނގުގެ ބާރުތަކުން ބޭނުންކުރާ ބާވަތުގެ ދެ މަތިންދާބޯޓު ކަމަށާއި ޕައިލެޓަކާނުލާ ދަތުރުކުރާ މި ދެބޯޓު ވައްޓާލީ އީރާނުގެ ވައިގެ ސަރަޙައްދަށް ވަނުމުން ކަމުގައެވެ.
މިދެ ބޯޓު ވައްޓާލީ އީރާނުގެ އިންޤިލާބީ ލަޝްކަރުތަކުގެ ވައިގެ ބާރުތަކުންނެވެ. އިންޤިލާބީ ލަޝްކަރުތަކުގެ ތަރްޖަމާނެއްކަމަށްވާ ލެފްޓިނެންޓް ޖެނެރަލް ޙާޖީ ޒާދާ ވިދާޅުވީ އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގާ ދިމާއިންނާއި ޢިރާޤުގެ ސަރަޙައްދީ ރޮނގާ ދިމާއިން އީރާނުގެ ވައިގެ ސަރަޙައްދަށް ވަންނަ ހުޅަނގުގެ ޖާސޫސީ އެތަށް މަތިންދާބޯޓެއް ފާއިތުވެދިޔަ މަސްތަކުގައި ވައްޓާލާފައިވާނެ ކަމަށާ ނަމަވެސް އީރާނުން މިކަން ހާމަނުކުރަނީ ކަމުގައެވެ.
އޭނާގެ ވާހަކާގައި އީރާނުން މި ދެބޯޓު ވައްޓާލި ތާރީޚެއް އަދި މިއީ ހުޅަނގުގެ ކޮން ޤައުމަކަށް ނިސްބަތްވާ މަތިންދާ ބޯޓުތަކެއްކަން ހާމައެއް ނުކުރައްވައެވެ. ނަމަވެސް ޢިރާޤާއި އަފްޣާނިސްތާނުގައި އިސްވެ ހަނގުރާމަކުރާ ޤައުމަކީ އެމެރިކާ ކަމަށްވެފައި އެދެޤައުމުގައި ޕައިލެޓަކާނުލާ ދަތުރުކުރާ މަތިންދާބޯޓު ބޭނުންކުރާ ޤައުމަކީ އެމެރިކާ ކަމަށްވާތީ މިއީ އެމެރިކާގެ ދެމަތިންދާބޯޓު ކަމަށް ބެލެވޭ ކަމަށް އީރާނުގެ މީޑިޔާ ބުނެއެވެ.
އީރާނުންވެސް ދާދިފަހުންވަނީ މުޅިން އާ ޖީލެއްގެ ޕައިލެޓަކާނުލާ ދަތުރުކުރާ ޖާސޫސީ މަތިންދާބޯޓެއް ދައްކާލާފައެވެ. އީރާނުން މިދިޔަ ސެޕްޓެމްބަރ މަހު ދައްކާލާފައިވަނީ ޕައިލެޓަކާނުލާ ބޮންއަޅާ ބާވަތުގެ މަތިންދާބޯޓެކެވެ.