ނޮވެލްޓީ ބުކްޝޮޕުން މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ނޮވެލްޓީ ބުކްފެއާގެ ނަސީބުވެރިއަކަށް ހޮވުނު، ރ. ރަސްގެތީމު، އެރޯ ވިލާ، އުމުރުން އަށް އަހަރުގެ އައިމިނަތު ނީންއާ 25،000 ޑޮލަރުގެ އިނާމު ހަވާލުކޮށްފި އެވެ.

ހުޅުމާލޭ ޣާޒީ ސްކޫލްގެ ގްރޭޑް ތިނެއްގައި ތައުލީމު ހާސިލްކުރަމުން އަންނަ ނީން އަށް އެ އިނާމު ހަވާލުކޮށް ދެއްވީ، މިއަދު ރާވެރިޔާ ރެސްޓޯރަންޓްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ނޮވެލްޓީ ބުކްޝޮޕްގެ މެނޭޖިން ޑިރެކްޓަރު އަޝްހަދު އަލީ އެވެ.

ނޮވެލްޓީ ބުކްޝޮޕްގެ ޖެނެރަލް މެނޭޖަރު އަހުމަދު ނަޝީދު ވިދާޅުވީ، އެ ބުކްފެއާގެ ސަބަބުން ވަރަށް ގިނަ ކިޔަވާ ކުދިންނަށާއި ސްކޫލްތަކަށް އޭގެ ފައިދާ ލިބުނު ކަމަށާއި، 2015 ވަނަ އަހަރު ވެސް މިއަށްވުރެ ފުޅާކޮށް ރަނގަޅު އިނާމަކާއެކު އެފަދަ ފެއާއެއް ކުރިޔަށް ގެންދަވާނޭ ކަމަށެވެ.

އިނާމަކަށް 25000 ޑޮލަރު ލިބުނު ނީންގެ މަންމަ ބުނީ އެ އިނާމު ލިބުމުން ނީން ވެސް އަދި މަންމަ ވެސް ވަރަށް ބޮޑަށް އުފާވި ކަމަށާއި ގުރުއަތުން ހޮވުނު ވާހަކަ އަންގަން ނޮވެލްޓީން ގުޅުމުން އެކަން ގަބޫލުކުރަން ވެސް ފުރަތަމަ ދަތިވި ކަމަށެވެ.