ޕާކިސްތާނުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ މުއްތަހިދާ ގުއާމީ މޫމެންޓް ނަމަކަށް ކިޔާ ސީޔާސީ ޕާޓީއެއްގެ ލީޑަރު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި މިއަދު ހައްޔަރުކޮށްފިއެވެ.

އެސޯސިއޭޓެޑް ޕްރެސް ( އޭޕީ ) ބުނީ މަނީ ލޯންޑްރީ ކުރާ ކަމުގެ ތުހުމަތަށް ލަންޑަންގައި ހައްޔަރުކޮށްފައި ވަނީ މުއްތަހިދާ ގުއާމީ މޫމެންޓް ( އެމްކިއުއެމް)ގެ ލީޑަރު އަލްތަފް ހުސައިން ކަމަށެވެ.

ނަމަވެސް ހައްޔަރުކުރާ މީހަކާ ދެކޮޅަށް ދައުވާ އުފުލުމުގެ ކުރިން އެމީހެއްގެ ނަން އިނގިރޭސި ފުލުހުން ހާމަ ނުކުރާތީ އަލްތަފް ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށް ނުދޭ ކަމަށް ވެސް އެ އެޖެންސީ ބުންޏެވެ.

އެމައްސަލައިގައި ސުވާލުކުރުމުން ފުލުހުން ބުނިކަމަށް އޭޕީން ބުނީ އުމުރުން 60 އަހަރުގެ މީހަކު ލަންޑަންގެ ހުޅަނގު އުތުރުގައި ހުރި ގެއަކުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ އޭނާގެ ގެ ފުލުހުން ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.

އަލްތަފް ހުސައިންއަކީ އަމިއްލައަށް އަރުވާލެވިގެން 1992 ވަނަ އަހަރުން ފެށިގެން ލަންޑަންގައި ދިރިއުޅެމުން އަންނަ މީހެކެވެ. ނަމަވެސް ޕާކިސްތާނުގައި ބާއްވާ ބޮޑެތި އެއްވުންތަކާ ފޯނު މެދުވެރިކޮށް އޭނާ މުހާތަބު ކުރެއެވެ.

އޭނާ ހައްޔަރުކުރި ޚަބަރު ލިބުމާ އެކު ޕާކިސްތާނުގެ ވިޔަފާރީގެ މަރުކަޒީރަށް ކަރާޗީގައި ބޮޑު ނުތަނަވަސްކަމެއް ފެތުރިފައިވާ ކަމަށް އޭޕީ ބުންޏެވެ. އޭނާ ހައްޔަރުކުރުމާ ގުޅިގެން ހިނގާފާނެ ހަމަނުޖެހުމަކަށް ބިރުން ކަރާޗީގެ ގިނަ ފިހާރަތަކެއް ވަނީ ބަންދުކޮށްފައެވެ. ކަރާޗީގައި ހުންނަ އިނގިރޭސިވިލާތުގެ މިޝަން ވެސް ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.

އެމްކިއުއެމްގެ އިސް ލީޑަރެއް ކަމަށްވާ އިމްރާން ފާރޫގު ވަނީ 2010 ވަނަ އަހަރު ލަންޑަންގެ މަގެއްގެ މަތީގައި ރޯމާ ދުވާލު ވަޅިން ހަމަލާދީ މަރާލާފައެވެ. އެކަމާ ގުޅިގެން ވެސް ކަރާޗީގައި ބޮޑެތި އެއްވުންތައް ބާއްވާފައި ވެއެވެ.