އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޓައިލާ މޯކްޒީ ދިރިއުޅެނީ ފްލޮރިޑާގެ މަޔާމީގައެވެ. އޭނާ ވަނީ މަޔާމީގައި ބޭއްވި ކޭކު އެޅުމުގެ މުބާރާތެއް ކަމަށްވާ “ކިސް ކަންޓްރީ މިޑްޓައުން މަޔާމީ ކޯންބްރެޑް ކޮމްޕެޓީޝަން” އިން އެއްވަނަ ހޯދާފައެވެ. އަދި އެއަށްފަހު ޓައިލާ އަންނަނީ ކޭކު ވިއްކައިގެން މަހަކު އެތައް ހާސް ޑޮލަރެއް ހޯދަމުންނެވެ. ޓައިލާ ގެ އުމުރުން އަދި އެންމެ އަށް އަހަރެވެ.

ޓައިލާގެ ކޭކުތައް މަޝްހޫރުވީ ކިސް ކަންޓްރީ މިޑްޓައުން މަޔާމީ ކޯންބްރެޑް ކޮމްޕެޓީޝަން ގައި ބައިވެރިކުރި ކޭކު އަޅާނެ ގޮތް ކިޔަވައިގެން ތިބި، އަދި ކޭކު އެޅުމުގައި ތަޖުރީބާ ހޯދާފައިވާ އެތައް ބަޔަކާ ވާދަކޮށް އެއްވަނަ ހޯދުމަށްފަހުއެވެ.

ޓައިލާގެ ބައްޕަ ވެރޮން މޯޒީ ބުނިގޮތުގައި ކޭކު އަޅާ މުބާރާތުން ޓައިލާ އެއްވަނަ ހޯދުމުން އެގެއަށް ވަރަށް ގިނަ މީހުން ގުޅަން ފެށިއެވެ. އަދި މިއަދު ޓައިލާ އަޅާނީ ކޮންވައްތަރެއްގެ ކޭކެއްތޯ އަހައި، ޓައިލާގެ ކޭކުތައް ގަންނަން ބޭނުންވެގެން އުޅެންފެށި ކަމަށް އޭނާ ބުންޏެވެ.

އަދި އެއަށް ފަހު ފްލޮރިޑާގެ އެޗްޖީޓީވީ ޓީވީ ސްޓޭޝަންގެ މަޝްހޫރު ޕްރެޒެންޓަރެއް ކަމަށްވާ ބޮބީ ބަރކް އާއި ފްލޮރިޑާގައި ހުންނަ ސިޓީބޭންކްގެ ގިނަ މުއައްޒަފުންތަކެއް ވެސް އަންނަނީ އާދައިގެމަތީން ޓައިލާގެ ކޭކުތައް ގަންނަމުންނެވެ. ޓައިލާ ގެ ކޭކުތައް މަޔާމީގައި މިހާރު ވަނީ މަޝްހޫރުކަން ހޯދާފައެވެ.

“ހޯމަ ދުވަހު އަހަންނަށް ކަސްޓަމަރެއް ލިބިދާނެ. އެދުވަހު އަވަހަށް ގެއަށް އާދެވިއްޖިއްޔާ އަވަހަށް ކޭކު އަޅަން ފަށަނީ. އެއީ ހޯމަ ދުވަހު އަހަރެން ޑާންސް ކްލާހަށް ވެސް ދާން ޖެހޭ،” އަށް އަހަރުގެ ޓައިލާ މޯޒީ ބުންޏެވެ.

ކަޕްކޭކުތައް ލާފައި ވިއްކާ ފޮށީގެ ބޭރުގައި ކުރެހުންތައް އަޅައި ޒީނަތްތެރިކުރުމަކީ ޓައިލާ ވަރަށް ކުރާ ހިތްވާކަމެކެވެ. އަށް އަހަރުގެ ކުއްޖެއްގެ އުފެއްދުންތެރިކަމާ ކުރެހުންތައް ފޮށީގައި އެކުލެވިގެންވުމަކީ ޓައިލާގެ ކޭކުތަކުގެ މަގުބޫލުކަން އިތުރުވެގެންދާ ކަމެއްކަށް އޭނާގެ މައިންބަފައިން ބުނެއެވެ.

ޓައިލާއަށް ކޭކުއަޅައިގެން ލިބޭ ފައިސާގެ ގިނަ ބައެއް އޭނާ ހަދިޔާ ކުރަނީ ޑިސްލެކްސިއާ (ލިޔެފައި ހުންނަ އަކުރު ކިޔަން އުނދަގޫވާ ބަލި) އާ މެދު ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރާ ޖަމިއްޔާއަކަށެވެ.

ޓައިލާއަށް ލިބޭ ހުސްވަގުތު އޭނާ ހޭދަކުރަނީ ޓީވީން ދައްކާ ކޭކުއެޅުމުގެ ޝޯތައް ބެލުމުގައެވެ. އަދި މި ޝޯތަކުން ޓައިލާ އާ ކަންކަން ދަސްކޮށް ހަދާކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

ޓައިލާގެ ކުރިމަގު ވަރަށް ސާފުވެފައި އުޖާލާއެވެ. “އަހަރެންގެ ކޭކު އެޅުމުގެ ކެރިއަރ ގައި ދެން އޮތީ ކުރިއަށްގޮސް އުދުހިގަތުން. ދެން ހުޅުވާނީ އަހަރެންގެ އަމިއްލަ ކޭކުއަޅާ ބޭކަރީ ޝޮޕެއް، "ޓައިލާ މޯކްޒީ ހެވިފައި އިނދެ ކިޔައިދިނެވެ.