03 Jun 2014, 16:54
ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ކޮށްފައިވާ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލައިފައިވާ މިޑްފީލްޑަރު މުހުތާރު ނަސީރު (ޓޫކިލޯ) އަށް ސަރުކާރުން ހަނދާނީ ފިލައެއް މިއަދު ދީފި އެވެ.
ޓޫކިލޯ އަށް ހަނދާނީ ފިލާ ހަވާލުކުރީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އަދި އެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އާއި އެފްއޭއެމްގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
ޓޫކިލޯ ގައުމީ ޓީމަށް ކުޅުން ރަސްމީކޮށް ހުއްޓާލީ މިދިޔަ މަހު ރާއްޖޭގައި ނިމިގެން ދިޔަ އޭއެފްސީ ޗެލެޖް ކަޕަށް ގައުމީ ޓީމް ތައްޔާރު ވުމުގެ ގޮތުން ލާއޮސްގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެވެ. އެމެޗް ކުޅުނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.
ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރުގެ ތަށި ރާއްޖެ އަށް އުފުލާލުމުގެ އުފާވެރި ވަގުތުކޮޅު ގެނެސްދިން ތާރީޚީ ލަނޑު އިންޑިއާ ކޮޅަށް ޖަހައިދިން ކުޅުންތެރިޔާ މުހުތާރު ނަސީރު (ޓޫކިލޯ) ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރި ރޭ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދޭ އެންމެ މަތީ ޝަރަފް ކަމަށްވާ ރަން ފިލާ ވެސް ވަނީ ދީފަ އެވެ. އަދި އެރޭ ޓޫކިލޯ ވަނީ އޭނާ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ ކޮޅަށް ލަނޑު ޖެހި އިރު، އޭނާ ލައިގެން ހުރި 23 ނަމްބަރު ޖާޒީ އެފްއޭއެމްގެ ރައީސްއާ ހަވާލުކޮށްފަ އެވެ.