03 Jun 2014, 16:50
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މއ. އައިޝާ ހުސައިން ވަހީދު މަރާލި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ދެ ކުދިންނަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ޖުވެނައިލް ކޯޓުން ދީފިއެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ދެ ކުދިންނަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ދީފައި ވަނީ މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް އެ ދެ ކުދިން އެދުމުން ކަމަށެވެ.
އުމުރުން 16 އަހަރުގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އުމުރުން 16 އަހަރުގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:30 އެހައިކަށް ހާއިރު، ހުސައިން ވަހީދު މއ. އައިޝާގޭ، ކައިރީގައި ހުއްޓައި، އިތުރު ބަޔަކާ އެކު އެތަނަށް ގޮސް ތިލައިގައި ހަ އިންޗި ހުންނަވަރުގެ ވަޅިއެއް އޭނާގެ މެޔަށް ހަރާލާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ފުރަތަމަ ކުއްޖާ ހުސައިން ވަހީދުގެ މެޔަށް ވަޅި ހެރުމަށްފަހު ދެވަނަ ކުއްޖާ އިން ސައިކަލްގެ ފަހަތަށް އެރުމުން އެ ކުއްޖާ ގޮވައިގެން ދެވަނަ ކުއްޖާ އެތަނުން ގޮސްފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ހުސައިން ވަހީދު މަރުވެފައި ވަނީ އެ ހަމަލާގެ ސަބަބުން ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އެރޭ 11:10 އެހައިކަށް ހާއިރު އެވެ.
ފުލުހުން ބުނެފައި ވަނީ ހުސައިން ވަހީދު މަރާލާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ގޫޕްތަކެއްގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ކަމަށެވެ.
ހުސައިން ވަހީދުގެ މެޔަށް ވަޅިހެރި ކުއްޖާ އަކީ އިސްލާހީ ޕްރޮގްރާމްގެ ދަށުން މުޖުތަމައުއަށް ދޫކޮށްލާފައިވާ ކުއްޖެއް ކަމަށާއި އެ މައްސަލައިގައި އޭނާ ހައްޔަރު ކުރުމާ އެކު، އިސްލާހުވެ މުޖުތަމުގައި އުޅުމަށް އެކުއްޖާ އަށް ދިން ފުރުސަތު ނިމުމަކަށް ގެނެސް، ޖުވެނައިލް ކޯޓުގެ އަމުރަކާ ގުޅިގެން އެކުއްޖާ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.