ރ. އަލިފުށީ އިންޖީނުގެ އިން އަރާ ދުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިވެ އުނދަގޫތަކާ ކުރިމަތިވާ ކަމަށް ބުނެ އެ ރަށުގައި މުޒާހަރާ ކުރަން ފައިފި އެވެ.

އަލިފުށިން ސަންއާ ވާހަކަ ދެއްކި މީހަކު ބުނީ މިއަދު މެންދުރެއްހާ އިރު 50 މީހުން އެއްވެ އެ ރަށު އިންޖީނުގޭ ސަރަހައްދުގައި މުޒާހަރާ ކުރަމުންދާ ކަމަށެވެ. އެ މީހުން މުޒާހަރާ ކުރަމުން ދަނީ އިންޖީނުގެ އިން އަރާ ދުމުގެ ސަބަބުން އެ ސަރަހައްދުގެ މީހުންނަށް އުނދަގޫވާތީ ކަމަށެވެ.

"އިންޖީނުގެ އިން އަރާ ދުމުގެ ސަބަބުން އިންޖިނުގޭ ކައިރީ ހިސާބުތަކުގައި ކައްކައި ކައިބޮއެ ހަދަން ވެސް އުނދަގޫ،" އަލިފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަލިފުށީ އިންޖީނުގޭ ހުންނަނީ އެ ރަށު މެދުގަ އެވެ. އަދި އެ ސަރަހައްދުގައި ގިނަ ބަޔަކު ދިރިއުޅެ އެވެ.

ފެނަކައިން ހިންގާ އަލިފުށީ އިންޖީނުގޭ ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ހަސަން ސަން އަށް ވިދާޅުވީ އެގެތަކަށް އުނދަގޫ ވަނީ އެ އިންޖީނުގެ އިން އަރާ ދުމުގައި އެކުލެވިގެންވާ "ކާބަން"ގެ ސަބަބުން ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް އާ އިންޖީނުގެއެއް އަޅައި އެތަނަށް ބަދަލުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"އާ އިންޖީނުގޭގެ ފިނިޝިން [ނިންމުމުގެ މަސައްކަތް] މަސައްކަތް މިހާރު ކުރިއަށް ދަނީ، އެ އިންޖީނުގެ އިމާރާތްކުރެވިފައި ވަނީ މީހުން ދިރިއުޅޭ ހިސާބާ ދުރުގައި،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ފަސް ވަރަކަށް މަސް ދުވަހުގެ ތެރޭގައި އާ އިންޖީނުގެ އަށް އިންޖީނުތައް ބަދަލުކޮށް ހިދުމަތް ދޭން ފެއްޓޭވަރު ވާނެ ކަމަށެވެ.

މުޒާހަރާ ކުރާ މީހުން ބުނީ އެކަމަށް ހައްލެއް ބޭނުންވާ ކަމަށާއި އެ މުޒާހަރާ ނިންމާލާނެ ވަކި ވަގުތެއް އަދި ނުނިންމާ ކަމަށެވެ.