03 Jun 2014, 16:20
އެސްޓިއޯ ނޫފަހި ވިމަންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗްގައި އެންމެ ފަހުގެ ޗެމްޕިއަން ސަން ހޮޓެލްސް އެންޑް ރިސޯޓްސް(ސަން) އާއި ޕޮލިސް ކްލަބް ބައްދަލުކުރަންޖެހިއްޖެ އެވެ.
އަންނަ އާދިއްތަ ދުވަހު ކުޅޭ މިމެޗް ފަށާނީ ހަވީރު 4:25 ގަ އެވެ. އަދި މުބާރާތުގެ ދެ ވަނަ މެޗުގައި އަންނަ ހޯމަ ދުވަހުގެ ހަވީރު 4:25ގައި ބައްދަލުކުރާ ދެ ޓީމަކީ ނިއު އާއި އެމްއެންޑީއެފް އެވެ.
މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ އެފްއޭއެމްގެ ލައިފް ބޯއީ ޓާފް ދަނޑުގަ އެވެ.
މިމުބާރާތުގެ ގުރުލުން ކުރިއަށް ގެންގޮސްފައި ވަނީ މެންދުރު ފަހު ޒުވާނުންގެ މަރުކަޒުގަ އެވެ. މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި އެފްއޭއެމްގެ އެކްސްކޯ މެމްބަރު އަހުމަދު މުހައްމަދު އަދި އެފްއޭއެމްގެ ޑިރެކްޓާ އޮފް ނެޝަނަލް ޓީމްސް އަލީ ސުޒޭން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަންނަ އާދިއްތަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ހަތަރު ޓީމް ބައިވެރިވެ އެވެ. އެ ޓީމްތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ސަން ހޮޓެލްސް އެންޑް ރިސޯޓްސް އާއި ނިއުރޭޑިއެންޓް ސްޕޯޓްސް އާއި ދިވެހި ސިފައިންގެ ކުލަބްގެ އިތުރުން އަންހެނުންގެ ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ބައިވެރިވާ ޕޮލިސް ކްލަބެވެ.
މިއީ އެފްއޭއެމް އިން ބާއްވާ ދެވަނަ އަންހެން ފުޓްބޯޅަ މުބާރާތެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ 2012 ވަނަ އަހަރު އެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުން އަންނަނީ ފޯރިއާ އެކު މުބާރާތަށް ތައްޔާރުވަމުންނެވެ. ރާއްޖޭގެ އަންހެނުންގެ ފުޓްބޯޅަ ތަރައްގީކޮށް ކުރިއެރުވުމަށް އެފްއޭއެމް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.